އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މި މެޗުން މޮޅުވެ ސިޓީ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ޖުމްލަ 59 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.
ލީޑްސްގެ އިލޭންޑް ރޯޑްގައި ތިރީސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް ލީޑްސް ޔުނައިޓެޑް އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
އެގޮތުން މެޗުގެ ކުރީކޮޅު ލީޑްސްގެ ފޯވަޑް ޑޮމިނިކް ކެލްވަޓް ލެވިން އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ.
އަނިޔާގެ ސަބަބުން ސިޓީގެ ފޯވަޑް އާލިން ހާލަންޑް މި މެޗުގައި ކުޅެފައިނުވާއިރު އަންނަ ބުދަ ދުވަހު ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ސިޓީ ކުޅޭ މެޗުގައިވެސް އޭނާއަށް ކުޅެވޭނެ ކަމާއިމެދުވަނީ ސުވާލު އުފެދިފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ސިޓީގެ ގާނާ ފޯވަޑް އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.