ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް ޗެލްސީ ކުޅެން ޖެހިއްޖެ އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވާފައިވަނީ އިއްޔެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފުރުސަތު ހޯދާފައިވީ ނަމަވެސް އިނގިރޭސި ދެ ޓީމު ދެވަނަ ބުރުގައި ކުޅެން ޖެހިފައެއް ނުވެއެވެ.
ދެވަނަ ބުރުގެ މެޗުތަކުގެ ތެރެއިން ދެން އެންމެ ވާދަވެރި މެޗުތަކަކަށް ވެގެންދާނީ ރެއާލް މެޑްރިޑް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުގެ އިތުރުން ބާސެލޯނާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗާއި އެތްލެޓިކޯ މެޑްރިޑް އާއި ޓޮޓްނަމް ހޮޓްސްޕަރގެ މެޗެވެ. މީގެ އިތުރުން ބަޔާ ލެވަކޫސަން އާއި އާސެނަލްގެ މެޗުގެ އިތުރުން ގަކަތަސަރާއީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުވެސް ފާހަގަކޮށްލެވެއެވެ.
ޗެލްސީ އާއި ޕީއެސްޖީ މި މުބާރާތުގެ ދެވަނަ ބުރުގައި ބައްދަލުކުރާއިރު މިދިޔަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޗެލްސީ އިން ހޯދާފައިވަނީ ޕީއެސްޖީ ބަލިކުރުމަށްފަހުގަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މާޗް މަހުގެ 10 އަދި 11 ގަ އެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗް 17 އަދި 18 ގަ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާ ގައެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް;
ޕީއެސްޖީ – ޗެލްސީ
ގަލަތަސަރާއީ – ލިވަޕޫލް
ރެއާލް މެޑްރިޑް – މެންޗެސްޓަރ ސިޓީ
އެޓްލާންޓާ – ބެޔާން މިއުނިކް
ނިއުކާސަލް ޔުނައިޓެޑް – ބާސެލޯނާ
އެތްލެޓިކޯ މެޑްރިޑް – ޓޮޓްނަމް
ބޯޑޯ/ގްލިމްޓް – ސްޕޯޓިން
ބެޔާ ލެވަކޫސަން – އާސެނަލް