ޚަބަރު

ވޮލްވްސް އަތުން އެސްޓަން ވިލާ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ވޮލްސް ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން އެސްޓަން ވިލާ ބަލިވެއްޖެ އެވެ.

ވޮލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ތިރީސް ހާސް މީހުންގެ ކުރިމތީގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.

އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެސްޓަން ވިލާ އިން ޕްރިމިއާ ލީގުގެ ތިންވަނަ މަގާމުގައި ދެމިއޮތުމަށް މި މެޗުން ތިން ޕޮއިންޓް މުހިންމު ވެފައިވީ ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 16 ވަނަ މިނިޓުގައި ވޮލްވްސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮއާއޯ ގޯމޭޒް އެވެ.

އެސްޓަން ވިލާ އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ދެވަނަ ހާފުގައި އެމެރީ ވަނީ އެ ޓީމުގެ ކުރިއަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މެޗުގެ ފަހު 20 މިނިޓަށް ޓެމީ އަބްރަހަމް ކުޅެން އެރުވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.

ވޮލްވްސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ރޮޑްރިގޯ ގޯމޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ތާވަލުގެ ފުލުގައި އޮތް ވޮލްވްސް އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް 29 މެޗުން ލިބިފައިވަނީ ޖުމްލަ 13 ޕޮއިންޓެވެ. އެސްޓަން ވިލާ އަށް 28 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.