ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ގޫރޫޕް އޭގައި އިއްޔެ ކުޅު މެޗުތަކުން ސަންކުއިކް ލިލީ އާއީ ދިވެހި ސިފައިންގެ ކުލަބް މޮޅުވެއްޖެއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު ބައްދަލުކުރަން ހަމަޖެހިފަ އޮތީ ސަންކުއިކް ލިލީ އާއީ ކަރުދާސް ކުރިކެޓް ކުލަބެވެ. މިމެޗު ކަރުދާސް ކުރިކެޓް ކުލަބް ނުކުޅެ ދޫކޮއްލުމުން ސަންކުއިކް ލީލީއަށް ވަނީ މެޗު ލިބިފައެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ކިންޒާ ކެފޭއާ ވާދަކޮށް ސިފައިންގެ ޓީމު މޮޅުވީ 11 ލަނޑުންނެވެ. މެޗުގައި ގުރުދިމާވުމުން ކިންޒާ ޓީމުން ގަސްތުކުރީ ހޮވުމަށެވެ.
ފުރަތަމަ ސިފައިންގެ ޓީމުން ކުޅެންއަރާ 8 އޯވަރުގެތެރޭގެ އެއް ކުޅުންތެރިއަކު ނުބައިވެގެން 109 ލަނޑު ހެދިއެވެ. ސިފައިންގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 34 ލަނޑު ހެދި މުހައްމަދު ޝަރީފްއެވެ.
ޖަވާބުގައި ކިންޒާ އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 98 ލަނޑެވެ. ކިންޒާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 9 ބޯޅައިން 23 ލަނޑު ހެދި މޫސާ މިޖާދުއެވެ.
މި ނަތީޖާއެކު ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ސިފައިންގެ ކުލަބު އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގަ އޮތް ސަންކުއިކް ލިލީ އަށް ލިބެނީ 4 ޕޮއިންޓެވެ. ކަރުދާސް ކުރިކެޓް ކުލަބަކަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.