ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަރުދީ ޒިންމާ އަދާކުރަންޖެހޭ: ރައީސް


  • ރައީސް ވަނީ މިކަމުގައި މުޅި މުޖްތަމަޢުގެ އެއްބާރުލުމަށް އެދިވަޑައިގެންފައި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ އަދި ޢާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިމަހުގެ 24 ވަނަ ދުވަހު ބްރިޖް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ ބޮޑުތަކުރުފާނު މަގު، ސިނަމާލެ ބްރިޖް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.


މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މަގުމަތީގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިފަންޖެހޭ އާދައެއް ކަމަށެވެ. އަދި މިކަމުގައި މުޅި މުޖްތަމަޢުގެ އެއްބާރުލެއްވުމަށް އެދިވަޑައިގެން، ކޮންމެ ރައްޔިތަކުމެ ފަރުދީ އަދި ޢާއިލީ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރުއެވެ. ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި މި ހާދިސާގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރެއިން 16 އަހަރުގެ ކުއްޖާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.