ގިރާވަރު ފަޅުން 15 ހެކްޓަރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު މިއާއިއެކު ބިން ހިއްކުން އިތުރަށް އަވަސްވެގެން ދާނެއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.
އެމްއޭސީއެލްއިން ވިދާޅުވީ 97.15 ހެކްޓަރުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ. މިއީ ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ %15.44 އެވެ.
ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެއީ ކުއީން އޮފް ދި ނެދަލޭންޑްސްއާއި އޮރެންޖީއެވެ. ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ހެދުމެއް ނެތިއެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.