ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިކަން ވަނީ އިއުލާންކުރައްވާފައެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މި މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އަދި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2026ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން އަދި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
— Ministry of Construction, Housing & Infrastructure (@MoCImv) February 26, 2026
އިއުލާނު ލިންކް:https://t.co/je79WnNaEihttps://t.co/9Fvf6eZ5n3 pic.twitter.com/JFxgWzrkBa
ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.
ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 800 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މުހިންމު އަވަހަށް އެޕްލައިކުރުމުގެ ބަދަލުގައި ހުރިހައި ލިޔެކިޔުންތަކެއް ހަމަކޮށް ފޯމު ހުށައެޅުންކަމަށެވެ.