ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގެ 27 ވަނަ ދުވަސް ފާހަގަކުރަނީ، ޤައުމީ ތާރީޚުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ، 2018 ވަނަ އަހަރުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ތާރީޚު ދުވަސް ނިސްބަތް ވަނީ، އަލް ޤާޟީ ހަސަން ތާޖުއްދީނަށެވެ. އަލް ޤާޟީ ހަސަން ތާޖުއްދީނަކީ ރާއްޖެއާ ބެހޭގޮތުން ތާރީޚީ ނަޒަރަކުން އެންމެ ފުރަތަމަ ފޮތެއް ލިޔުއްވި މުއައްރިޚެވެ.
ޤައުމީ ތާރީޚުގެ ދުވަހެއް ފާހަގަކުރަންޖެހޭ ގިނަ ސަބަބުތަކެއްވެއެވެ. ތާރީޚާއި، ސަޤާފަތާއި އާދަކާދައަށް ލޯބިކުރާ މުޖުތަމަޢެއް އުފައްދައި، ދިވެހި ތާރީޚު ކުރިއަރުވައި ދެމެހެއްޓުމަށްޓަކައެވެ. އަދި ޤައުމީ އަބުތާލުންގެ ޒިކުރާ އައުކުރުމާއި އެ ބޭފުޅުންގެ ޚިދުމަތުގެ ޒިކުރާތައް އާލާކޮށް ދިރުވުމުގެ ބޭނުމުގައެވެ.
ދިވެހި ޤައުމާ ވަޒަންދެކެ ލޯބިވާ ދިވެހި ދަރިން އުފެއްދުމާއި، ދިވެހި ޤައުމިއްޔަތުގެ ލޯތްބާއި ޝައުޤުވެރިކަން ދިވެހި ދަރިވަރުންގެ ކިބައިގައި އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެބައެއްގެ ތާރީޚެވެ.
ތާރީޚަކީ، އިންސާނުންގެ މާޒީއެވެ. ކަމެއް ހިނގަމުން އައި ގޮތް ލިޔެފައިވާ ލިޔުމަކުން ނުވަތަ ކިޔައިދީފައިވާ ކިޔައިދިނުމަކުން އެނގެން އޮންނަ ގޮތެވެ. ތާރީޚެއް ނެތް ބަޔަކީ މާޒީއެއް ނެތް ބަޔެކެވެ. މިހެން ބުނެވެނީ، ގައުމެއް ދެމިއޮތުމަށްޓަކައި ނުވަތަ ޤައުމެއް މާދަމާއަށް ގެންދިއުމަށްޓަކައި، އެ ޤައުމެއްގައި ތާރީޚުގެ ދައުރު މުހިންމުވާތީއެވެ. ތާރީޚަކީ ކޮންމެ ޤައުމެއްގެ ކޮންމެ މީހަކަށްވެސް އެނގުން މުހިންމު އެއްޗެކެވެ.
ރާއްޖެއަކީ ވަރަށް މުއްސަނދި ތާރީޚެއް ލިބިފައިވާ ޤައުމެކެވެ. ފަހުގެ ހޯދުންތަކުގައި ބައެއް ބޭފުޅުން ލަފާކުރައްވާގޮތުގައި ރާއްޖެއަށް 10،000 އެއްހާ އަހަރުވެއްޖެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭތާ ނުވަތަ ދައުލަތެއް އޮންނަތާ 4000 އެއްހާ އަހަރު ވެއްޖެއެވެ.
ދިވެހި ރާއްޖޭގެ ތާރީޚާ މެދު ބޭރުގެ އެތައް މުއައްރިޚަކު ވެސް ލިޔުއްވާފައިވެއެވެ. އެފަދަ ބައެއް ބޭފުޅުންގެ ތެރޭގައި އިބްނު ބަޠޫތާއާއި، ޕީރާޑް ޑި ލަވާލްއާއި، މރ އެޗްސީޕީބެލްއާއި، ލާޒް ވިލްގޯންއާއި ކްލެރަންސް މެލޯނީއާއި، ޑރ ޕޮންނަމްޕައްލަމް ރަގުޕަތީ ފަދަ ބޭފުޅުން ފާހަގަކުރެވެއެވެ.
ދަރިވަރުންނާއި ޒުވާނުންނަށް ތާރީޚު އަންގައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމެވެ. ނަމަވެސް މިހާރު އެކަމަށްޓަކައި މާބޮޑު މަސައްކަތެއް ކުރެވެމުންދާ މަންޒަރު ނުފެނެއެވެ. ބައެއް ކޮލެޖްތަކުގެ ބައެއް ކޯސްތަކުގައި ތާރީޚު ކިޔަވައިދިންނަމަވެސް އެންމެ އެދެވޭ ގޮތުގައި މި މަސައްކަތް ކުރެވެމުން ނުދާކަމީ ހަޤީގަތެވެ.
ދިވެހި ތާރީޚު ދަސްވާނީ ދިވެހީން އުޅުނު ގޮތް ކިޔައިދީގެންނެވެ. އާސާރީ ބިނާތަކާއި އެފަދަ ތަންތަން ހަދާފައިވާ ގޮތާއި، އެ ތަންތަން ހެދުމަށް ކުރި މަސައްކަތްތަކުގެ ވާހަކަތައް ކިޔައިދީގެންނެވެ. ވުމާއެކު، އަޅުގަނޑުމެން ވާންވީ ތާރީޚުން އިއްޔެ ދަސްކުރާ ބަޔަކަށެވެ. ތާރީޚުން ފިލާވަޅު ލިބިގަންނަ ބަޔަކަށެވެ. ތާރީޚާމެދު ފަޚުރުވެރިވާ ބަޔަކަށެވެ.