ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ވެސް ގަރަބަގް އަތްދަށުކޮށް، ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި ބުރުގެ ދެވަނަ ލެގުން އެ ޓީމު މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ނިއުކާސަލް އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.
އެގޮތުން ފުރަތަމަ ލަނޑުޖަހައި ނިއުކާސަލް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ހަތަރުވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީއެވެ.
އޭގެ ދެ މިނެޓުފަހުން ޖޯލިންޓަން ވަނީ ނިއުކާސަލްގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްފައެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ނިއުކާސަލްއިން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ފަސް މިނެޓު ތެރޭގައި ގަރަބަގުން ލަނޑެއް ޖަހައި ފަަރަގު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެމިލޯ ޑުރަންއެވެ.
އޭގެ ދެ މިނެޓުފަހުން އަނެއްކާވެސް ނިއުކާސަލްއިން ލަނޑެއް ޖަހައި ފަރަގު ބޮޑުކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްވެން ބޮޓްމަންއެވެ.
މެޗުގެ ފަހު ލަނޑު އަދި ގަރަބަގްގެ ދެވަނަ ލަނޑު، 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލްވިންއެވެ.
މި މެޗުން 2-3 ގެ ނަތީޖާއަކުން ނިއުކާސަލް މޮޅުވިއިރު، މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި ނިއުކާސަލް މޮޅުވީ، 1-6 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މި ދެ ޓީމު ބައްދަލުކުރި ޕްލޭ އޮފްގެ އެގްރިގޭޓަކީ 3-9 އެވެ.