ރަމަޟާންމަހަކީ ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ މަހަކަށްވުމުން އެބަދަލު ޕީއެސްއެމްގެ ޕްރޮގްރާމްތަކަށްވެސް ގެނެސްފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވެއްޖެއެވެ.
ޓީވީއެމްއިން ގެނެސްދޭ މިވަގުތު ޕްރޮގްރާމްގައި ވާހަކަދައްވަމުން ޝަކީބް ވިދާޅުވީ މި ރަމަޟާންމަހު ޕީއެސްއެމްގެ ހުރިހާ ޗެންލަތަކުންވެސް ދީނީ ޕްރޮގްރާމްތައް އުފެއްދުމަށް ޚާއްސަ ސަމާލުކަމެއް ދެއްވިކަމަށެވެ.
ޝަކީބް ވިދާޅުވީ ޕީއެސްއެމްގެ ސިޔާސަތުތައް ކަނޑައެޅިފައި އޮންނަގޮތުން އަބަދުވެސް ޕްރޮގްރާމްތައް އެކަށައެޅުމުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅާފައި އޮންނަކަމަށާއި، އަދި އެ މިންގަނޑުތައް ރަމަޟާންމަހަށް އިތުރުކޮށްފައިވާކަމަށް ވިދާޅުވިއެވެ. ޝަކީބް ވިދާޅުވީ މި ރަމަޟާން މަހު އާންމުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަމަށެވެ.
"މަޢުލޫމާތުތައް ފޯރުކޯށްދިނުމުގައި ވަރަށް ބާރުގަދަ ވަޞީލަތެއް އެއީ ސޯޝަލް މީޑިއާ. ޕީއެސްއެމްގެ ސޯޝަލް މީޑިއާ ވަރަށް ވަރުގަދަވާނެ. ސޯޝަލް މީޑިއާގެ ތެރެއިން ދީނީ މައުލޫމާތުތަކާއި ސައްޙަ މަޢުލޫމާތުތަކާއި މުނިފޫހިފިލުވުން ހިމެނޭހެން ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުންދޭ. ކުރިއަށް އޮތްތަނުގައި އަދިވެސް ޕީއެސްއެމްގެ ސޯޝަލް މީޑިއާ ވަރުގަދަވެ ފުޅާވެގެން އަންނާނެ." ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވިއެވެ.
ޝަކީބް ވިދާޅުވީ ޕީއެސްއެމްގެ އެކި ޗެނަލްތަކުގައި ގެނެސްދޭ ޕްރޮގްރާމްތައް އާންމުން ބަލައިގަންނަކަން ނުވަތަ ނޫންކަން ޚިޔާލުތަކުގެ އަލީގައި ލިބެމުންދާކަމަށެވެ. މިހާރު ލިބިފައި ހުރި މަޢުލޫމާތަށް ބަލާއިރު ޕްރޮގްރާމްތަކަށް ގެނެސްފައިވާ ބަދަލުތަކަށް ވަރަށް ގިނަ ބަޔަކު ތާޢިދުކުރާކަން ޝަކީބް ފާހަގަކުރެއްވިއެވެ. ޕީއެސްއެމްގެ ޕްރޮގްރާމްތަކުގެ ތެރެއިން ބައެއް ޕްރޮގްރާމްތަކަކީ ސީޒަންތަކަކަށް ބަހާލައިގެން ގެންނަ ޕްރޮގްރާމްތަކެއްކަން ފާހަގަކުރައްވަމުން ޝަކީބް ވިދާޅުވީ ރަމަޟާންމަހަށް ފަހު މެއި މަހު ފަށާ އައު ސީޒަންއާއެކު ޕްރޮގްރާމްތައް ތައްޔާރުކުރާއިރު ތަފާތު ދިމާތަކުން މަޢުލުމާތުތައް ހޯދައިގެން ޕްރޮގްރާމްތައް ބައްޓަން ކުރާނެކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަށް ތަރުޙީބު ވަރަށް ބޮޑު. ޕީއެސްއެމްގައި ޕްރޮގްރާމްތައް މި ގެންގުޅެނީ ސީޒަންތަކަކަށް ބަހާލައިގެން. ކޮންމެ ހަތަރުމަހުން ހަތަރުމަހުން ކަހަލަގޮތަކަށް ޕްރޮގްރާމްތައް ބަދަލުވާނެ. އޭގެ ތެރެއިން ޚާއްސަ ސީޒަނެއްގެ ގޮތުގައި ރޯދަމަސް މި އަންނަނީ. ސީޒަން ޕްރޮގްރާމްތައް އަންނައިރު ކިޔަވާކުދިންނަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި ޒުވާނުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ ސިފަތަކާއި ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ވިޔަފާރިގެ އުޞޫލުން ވިސްނުމާއި ކަންކަން ގެންގުޅެންވީ ގޮތް ވެސް ފޯރުކޮށްދޭން ޖެހޭ" ޝަކީބް ވިދާޅުވިއެވެ.
މިވަގުތު ޕްރޮގްރާމްގައި ޝަކީބް ވަނީ މި ރަމަޟާންމަހަށް ޚާއްސަކޮށްގެން ގެނެސްދޭ "އިޤްރައު" ޕްރޮގްރާމްއާ ގުޅޭ މަޢުލޫމާތުވެސް ހިއްސާކޮށްފައެވެ. 5 އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމް ކޮންމެ އަންގާރަދުވަހުގެރޭ 9:30 ގައި ގެނެސްދޭނެއެވެ.