ކުލަގަދަ ހަރަކާތްތަކަކާ އެކު އަންނަމަހު އޮންނަ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ އެއް މައުރަޒު "އައިޓީބީ ބަރލިން"ގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.
މި ފެއާގެ ތެރެއިން 2027 ވަނަ އަހަރާ ގުޅުންހުރި މުހިންމު ކަންތައްތަކެއް އިއުލާންކުރުމާއި، ގިނަ ބަޔަކު އިންތިޒާރުކުރާ "މޯލްޑިވިއަން ނައިޓް" ބޭއްވުން ފަދަ މުހިންމު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު، އައި.ޓީ.ބީ ބާރލިން ކުރިއަށްދާނީ އަންނަމަހުގެ 3 އިން 5އަށް ޖަރުމަނުވިލާތުގެ ބަރލިންގައެވެ. މި މައުރަޒުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި، ގުދުރަތީ ރީތިކަމާއި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތައް ދައްކުވައިދޭ ސްޓޭންޑް މެދުވެރިކޮށް ސިނާާޢަތުގެ ބައިވެރިން މުހިއްމު ބައްދަލުވުންތައް ކުރިއަށްގެންދާނެއެވެ. އަދި ރާޢްޖޭގެ ފަތުރުވެރިކަމާއި ސަޤާފަތް ދައްކުވާދޭ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާނެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ މިއަހަރުގެ މަޢުރަޒުގައި، މައުރަޒުގެ ހަވާސާގައި ބޭއްވޭ މުހިއްމު ދެ ހަރަކާތް ކަމަށްވާ "މޯލްޑިވިއަން ނައިޓް" އަދި ނޫސްވެރިންގެ ބައްދަލުވުން، އަލުން ބާއްވަން ފަށާނެކަމަށެވެ. މިއަހަރުގެ "މޯލްޑިވިއަން ނައިޓް" ބޭއްވުމަށް ހަމަޖެހިފައިވަނީ، ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ހަފުލާގައި، ދުނިޔޭގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، ނޫސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން ބައިވެރިވާނެއެވެ. މިއީ ދިވެހިންގެ މެހެމާންދާރީއާއި، ސަގާފަތާއި، އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެ ހޯދާފައިވާ އާ އީޖާދުތައް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަފުލާއެއްކަން ވީއެމްސީން ފާހަގަކުރައްވައެވެ.
ބީއެމްއެލްއާއެކު ބާއްވާ މި މޯލްޑިވިއަން ނައިޓްގައި، ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށް ތައާރަފުކުރާ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން "ބީ.އެމް.އެލް ސްވައިޕް އިފްތިތާހުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ވިޒިޓް މޯލްޑިވްސް ޔިއަރ 2027ށް ތައްޔާރުވުމުގެ ގޮތުން، ފަތުރުވެރިންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށާއި ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަރަމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން، އައި.ޓީ.ބީ ބބާރލިން 2026 ގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ބާއްވާ ބައިނަލްއަގުވާމީ ނޫސްވެރިންގެ ބައްދަލުވުމުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި މުހިންމު ކަމެއް އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.
"މޯލްޑިވްސް… ދަ ސަނީ ސައިޑް އޮފް ލައިފް" ބްރޭންޑުގެ ދަށުން ތައްޔާރުކުރާ ރާއްޖޭގެ ސްޓޭންޑުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތަކާއި ސިނާއަތުގެ ވަރުގަދަކަން ދައްކާލާނެއެވެ. މި މައުރަޒުގެ މަގްސަދަކީ ވިޔަފާރީގެ ގުޅުންތައް ބަދަލުކުރުމާއި، މާކެޓްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ އައި.ޓީ.ބީ ބބާރލިން އަކީ ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ މާކެޓިންގ މަސައްކަތްތަކުގެ މުހިންމު ބަހާއެއްކަމަށެވެ. އަދި މޯލްޑިވިއަން ނައިޓް އާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ބައްދަލުވުން އަލުން ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާމެދު އޮތް އިތުބާރު ހާމަކޮށްދޭ ކަމެއްކަމަށާއި މިއަހަރުގެ އައިޓީބީ ފެއާގައި މަސައްކަތް ކުރާނީ ހަމައެކަނި ގުޅުންތައް ބަދަހިކޮށް ފުޅާކުރުމަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާ ގުޅުންހުރި މުހިންމު ތަސައްވުރު ހިއްސާކުރުމަކީވެސް މީގެތެރޭގައި ހިމެނޭ ޚާއްސަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޖަރުމަނާއި ވިލާތުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އަދިވެސް މުހިންމު ދައުރެއް އަދާކުރާ މާކެޓެކެވެ. 2025 ވަނަ އަހަރު ޖަރުމަނުވިލާތުން އެކަނި ރާއްޖެއަށް 167,822 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. އައި.ޓީ.ބީ ބާރލިން 2026 ގައި ރާއްޖޭގެ ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގެ މަގްސަދަކީ ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމާއި، ސްޓްރެޓެޖިކް ގުޅުންތައް ބަދަހިކުރުމާއި، އަދި ރާއްޖެއަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމެވެ.