ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭ ފައިދާއަކީ ކޮބާ؟


  • އިންތިޚާބުތަކަށް ކުރާ ޚަރަދުން ބޮޑު ބައެއް ސަލާމަތްކުރެވޭނެ

  • ކޮންމެ އިންތިޚާބަކަށް 100 މިލިޔަނަށްވުރެ ގިނައިން ޚަރަދުކުރޭ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު 2 އިންތިޚާބަކީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބަށްފަހު ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަނީ ބާއްވަމުންނެވެ.

ގާތްގާތުގައި 2 އިންތިޚާބު ބޭއްވުމުގެ ސަބަބުން އެކި މައްސަލަތައް ކުރިމަތިވާކަމަށް ބުނެ އެކި ދުވަސްވަރު އެކި ފަރާތްތަކުންވަނީ ޝުޢޫރުފާޅުކޮށްފައެވެ. މިހާރު ސަރުކާރުން މިވަނީ މިކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލާފައެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ އެންމެ ބޮޑު 2 އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށައެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދަނީ އެމަސައްކަތް ކުރަމުންނެވެ. މިކަމުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާއިރު 2 ފަރާތަށްވެސް މިކަމުގައި އަންނަނީ ބަހުސް ކުރަމުންނެވެ. އެގޮތުން ދެ އިންތިޚާބު އެއްކޮލުމަށް ވާހަކަދައްކަމުންދާ ފަރާތްތަކުން ފާހަގަކުރާ އެއްކަމަކީ މިއީ ދައުލަތުގެ ޚަރަދު ކުޑަކުރެވޭނެ ކަމެކެވެ.

އިންތިޚާބީ ޚަރަދު ކުޑަވާނެ؟

އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިޚާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިޚާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ޚަރަދުކުރަންޖެހެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

ދެއިންތިޚާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެއެވެ.

މިވޯޓު މިދުވަސްވަރު ނެގުމުން ސަރުކާރަށް އަސްލު އޮތީ އެޑްވާންޓޭޖެއްތައް؟

މިކަމުގައި އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ފާޑުކިޔުމަކީ ސަރުކާރުން މިކަމުގައި ނާޖާއިޒު ފާއިދާތަކެއް ނަގަން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކެވެ. އެހެންނަމަވެސް މިކަމުގައި މިދަނޑިވަޅުގައި މިވޯޓާއެކު ރައްޔިތުންގެ ނިންމުމުގެ ސިދާ އެންމެ ބޮޑު އަސަރެއްކުރާނީ މިވަގުތު ވެރިކަން ކުރާ ޕާޓީއަށެވެ. ސަބަބަކީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ ޙަޔާތަށް ބަލާއިރު އެއްވެސް ޕާޓީއަކަށް މިހާތަނަށް ޖެހިޖެހިގެން ދެވަނަ ދައުރެއް ލިބިފައި ނުވެއެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއެކު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވަނީ ހުށަހަޅުއްވާފައެވެ. މިހާރު ކުރިއަށްދާ، ސަރުކާރުގެ މެޖޯރިޓީއޮތް މަޖިލިސްވެސް ކުރުވެ ކުރިމަތިވާނެ ހިރާސްތައް ބޮޑެވެ. އެހެންކަމުން މިކަމުގައި މިވަގުތު ސަރުކާރަށް އޮތް "ޑިސްއެޑްވާންޓޭޖް" މާބޮޑުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އެހެންކަމުންް އިދިކޮޅު ފަރާތްތަކުގެ ތުހުމަތުގައި މާބޮޑު ބުރަދަނެއް ނެތްކަމަށް ބައެއް މީހުން ދެކެއެވެ.

މިހާރު އޮންނަ ނިޒާމުގެ ތެރެއިން ދެއިންތިޚާބު ވަކިން ބޭއްވުމުން އިންތިޚާބީ ސަރުކާރަށް ފުރަތަމަ އަހަރުގެ މަޖިލީހުގެ ތެރެއިން ބޮޑެތި ދަތިތަކާއި ކުރިމަތިވެއެވެ.

އިދިކޮޅު މެޖޯރިޓީ އޮންނަ މަޖިލީހުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެންދިޔައީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ބަޖެޓު ކަނޑައެޅުމުގެ ތެރެއިންނާއި އެނޫންވެސް ކަންކަމުގައި ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހުނުތަނެވެ. އެއާއެކު ސަރުކާރަށް 1 އަހަރު ދުވަސް ގެއްލި ރައްޔިތުންނަށް ވަޢުދުވެގެން އަންނަ މެނިފެސްޓޯ ތަންފީޒުކުރުމަށް ސަރުކާރަށް ލިބެނީ 4 އަހަރެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭނެތަ؟

ދެ އިންތިޚާބު އެއްކޮއްލުމުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލިގެންދާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން އެބުނަނީ ދެ އިންތިޚާބު އެއްކޮށްލުމުން ރިޔާސީ އިންތިޚާބު ކާމިޔާބުވާ ބަޔަަކަށް މަޖިލިސް ކާމިޔާބުވާނެކަމަށް ހީވެގެން ކަމަށްވާނަމަ އެވާހަކަ އަދި މުޅިން ރަނގަޅެއް ނޫނެވެ.

ތާރީޚަށް ބަލާއިރު 2008 ވަނަ އަހަރު އިންތިޚާބުވީ ސަރުކާރަށް ޖެހިގެންއައި 2009 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ލިބިފައިނުވިނަމަވެސް، އޭގެފަހުން ބޭއްވި 3 އިންތިޚާބުގައިވެސް ރައްޔިތުންވަނީ މަޖިލީހުގެ މެޖޯރިޓީ، އިންތިޚާބީ ސަރުކާރަށް ދީފައެވެ.

އެހެންކަމުން ދެއިންތިޚާބު އެއްކުރުމުން ވަގުތު ސަލާމަތްވެ، ޚަރަދުތައް ކުޑަވެ އިތުރު ފައިދާ ކުރާނެކަމަށް ޤަބޫލުކުރެވެއެވެ.

ޑިމޮކްރެޓިކް ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެ ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ދަށްވުމަކީ ކަންބޮޑުވުމެކެވެ. އެހެންކަމުން އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން، ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވެ ކެންޕެއިނާއި ތިޚާބީ ކަންކަން ހަރުދަނާވުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

އެންމެ ބޮޑު ދެއިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ބަސް އިއްވުމަށް ސަރުކާރުން މިހާރުވަނީ ފުރުސަތު ފަހިކޮށްދެއްވާފައެވެ. އެހެންކަމުން މިވޯޓާ ދިމާކޮށް ސިޔާސީ ޕާޓީތަކާއި، ކަމާގުޅުންހުރި އިދާރާތަކުން ޢިލްމީ ނަޒަރަކުން މިކަމަށް އަލިއާޅުވާލާ އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ.

މިހާރު އޮތްގޮތުން ދެ އިންތިޚާބު އެއްކޮލުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހެވެ.