ޚަބަރު

އެދެނީ ސަޕޯޓަރުން ދަނޑަށް އައިސް ޒުވާން ޓީމަށް ހިތްވަރު ދިނުމަށް: ޠާރިޤް


  • 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މާޗް 23 ން 3 އޭޕްރީލަށް

  • ޒުވާން ޓީމު ތައްޓާއެކު މުބާރާތް ނިންމާލަން ބޭނުވީ ސަޕޯޓަރުންގެ ތަރުހީބު

ރާއްޖޭގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމަށް ތަރުހީބު ދިނުމަށްޓަކައި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ފެށޭ ހިސާބުން ފެށިގެން ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް އައިސް އެ ކުދިންނަށް ހިތްވަރު ދިނުމަށް އެފްއޭއެމްގެ ރައީސް އެދިއްޖެއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤް، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފުޓްބޯޅައަކީ ގައުމީ ރޫޙު ގެނުވާ ކުޅިވަރެއް ކަމަށާއި، އެކުދިން ކުރާ މަސައްކަތަށް ސަޕޯޓަރުން ތަރުހީބަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ މާޗް 23 ން އޭޕްރީލް 3 ގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ.

ތާރިޤް ވިދާޅުވީ އިރާދުކުރެއްވިއްޔާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުން އަމިއްލަ ގައުމުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށެވެ. އަދި އެޓީމު މުބާރާތަށް ތައްޔާރުކުރުމަށް އެފްއޭއެމުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.

"އެޓީމު ތައްޔާރުކުރުމުގައި އެފްއޭއެމުން ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސަޕޯޓަރުންނަށް ޔޫތް ޓީމަށް ސަޕޯޓް ކޮށްދިނުމަށް. ރާއްޖެ ތަމްސީލުކުރުމަށްޓަކައި އެކުދިން ކަށިން އެ ނެރޭ ހިތްވަރަށް ހަމަ ސަޕޯޓަރުން އައިސް އެ މުބާރާތް ފެށުމާއެކު އަޅުގަނޑުމެންނާއެކު އެކުދިންނާއެކު ސަޕޯޓުކޮށްދިނުމަށް" ތާރިޤް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ މިއީ ރާއްޖޭގެ މުސްތަގުބަލަށް އެކުލަވާލާ ވަރަށް އުންމީދީ ޓީމެއް ކަމަށެވެ.

އަދި މި ފަހުން އުފެދުނު އެންމެ އެންމެ މޮޅު އެހެން ހުނަރުވެރި ކުދިން ތިބީ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުގައި ކަމަށާއި، މި ދެޓީމު އެކުވެގެން އުދޭ ޓީމަކީ ރާއްޖޭގެ މުސްތަގްބަލުގެ ސީނިއާ ޓީމުކަމަށް ފާހަގަ ކުރެއްވިއެވެ.

"މީ ވަރަށް އުންމީދީ ސްކޮޑެއް، ވަރަށް އުންމީދީ ޓީމެއް މި އުފެދެނީ އެ ދެ އުމުރުފުރާ އެކުވެގެން. އެހެންވީމާ 20 އަހަރުން ދަށަކީ މުސްތަގްބަލުގައި ރާއްޖޭގައި އުފެދޭ ޤައުމީ ޓީމު" ޠާރިޤް ވިދާޅުވިއެވެ.

އެފްއޭއެމުން ވަނީ 20 އަހަރުން ދަށުގެ ޓީމަށް ކުދިން ހޮވުމަށް ގަލޮޅު ދަނޑުގައި ޓްރަޔަލްތަކެއްވެސް ބާއްވާފައެވެ. އެ ޓްޔަޔަލްސްގެ ބައިވެރިންގެ ހުނަރުތައް އެނަލައިޒް ކުރުމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ، އިސްޓަވާން އުރުބާނީއާއި ސީނިއާ އަދި ޖޫނިއަރ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބައިވެރިވިއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.

ގްރޫޕް ބީގައި ހިމެނެނީ ބަނގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް އޮންނާނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ނިކުންނާނީ 23 މާޗް ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ސްރީލަންކާއާއި ދެކޮޅަށެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި 25 މާޗްގައި ޒުވާން ޓީމު ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. ތިން ވަނަ މެޗުގައި 27 މާޗްގައި ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލް އޮންނާނީ 1 އޭޕްރީލްގައެވެ. ފައިނަލް މެޗު އޮންނާނީ 3 އޭޕްރީލްގައެވެ.

ރާއްޖޭގެ ޒުވާން ޓީމު އެކުލަވާލުމަށް އެފްއޭއެމުން ވަނީ މާލޭގެ ހަތަރު ހައި ސުކޫލަށް ހުޅުވާލައިގެން ފެބުރުއަރީ ކުރީކޮޅު، ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް 2026 ގެ ނަމުގައި ހާއްސަ މުބާރާތެއްވެސް ބާއްވާފައެވެ.

އެ މުބާރާތުގައި ބައިވެރިވީ ސީއެޗްއެސްއީ ހުޅުމާލެ، ސީއެޗްއެސްސީ މާލެ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލު އާއި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލެވެ.

އެ ޓީމުތަކުން ރާއްޖޭގެ ގައުމީ ޓީމުގައި މުސްތަގްބަލުގައި ވިދާލާނެ ފަދަ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނިގެން ދިޔަކަމަށް ފުޓްބޯޅައިގެ މާހިރުން ބުނެއެވެ.