ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނުނަމަވެސް އެސްޓީއޯއިން ހެޔޮ އަގުގައި އޮރެންޖު ލިބޭނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ވިދާޅުވެއްޖެއެވެ.
ބާޒާރުގައި އޮރެންޖުގެ އަގު އުފުލިފައިވުމާއެކު ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން އެސްޓީއޯއިން ވިދާޅުވީ ބާޒާރުގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގު ބޮޑުވެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި، ނަމަވެސް އެސްޓީއޯ އިން އޮރެންޖުގެ އަގު އެއްވަރެއްގައި ހިފަހައްޓާފައިވާކަމަށެވެ.
އެސްޓީއޯއިން އޮރެންޖު ކިލޯއެއް މިހާރު ވިއްކަނީ 40ރ. ގެ ރޭޓުންނެވެ. މިއާއެކު ވަކިން އޮރެންޖެއްގެ އަގު އުޅެނީ 5.7ރ. އާއި 6.7ރ. ދެމެދުގައެވެ. އެސްޓީއޯއިން ވިދާޅުވީ ބާޒާރުގައ އޮރެންޖްގެ އަގަށް ބޮޑުވެފައިވީ ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް ކްލިއަރވެ ބާޒާރަށް ނެރެން ފެށުމާއެކު، އޮރެންޖްގެ އަގު މިހާރު ދަށްވާން ފަށާފައިވާކަމަށެވެ.
އޮރެންޖު ހުރި ގިނަ ކޮންޓޭނަރުތަކެއް މިހާރު ވަނީ އަމިއްލަ އިމްޕޯޓަރުންނަށް ދޫކޮށްފައިކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އޮރެންޖު ލިބުން އިތުރުވެ، ބައެއް ވިޔަފާރިވެރިން މިހާރުވެސް އަގު ދަށްކުރަން ފަށާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަގު އިތުރަށް ހެޔޮވާނެކަމަށްވެސް ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ އޮރެންޖްގެ އަގަށް އައި ބަދަލަކީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ. އެގޮތުން، ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ލަސްތަކެއް ދިމާވިކަމަށާއި މީގެ އިތުރުން، މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖު އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާއި، އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މިހާރު އޮރެންޖު ސަޕްލައި އާންމު ހާލަތަކަށް ރުޖޫއަވަމުންދާތީ، އަގު އިތުރަށް ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވޭކަމަށާއި އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި އެސްޓީއޯ އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުން އަންނަކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ދަނީ ޚާއްޞަ އިސްކަމެއް ދީގެން އަސާސީ މުދަލުގެ ޝިޕްމަންޓްތައް ދުވަހުން ދުވަހަށް ކްލިއަރ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އޮރެންޖު ހިމެނޭހެން އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ 26 ބާވަތުގެ ތަކެތި މާލެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ހޯލްސޭލްސް ނޯތު ހާބަރު، އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖު، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެއިން މިހާރު ލިބެން ހުންނާނެއެވެ.