ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ބައިވެރިންގެ ތަމްރީންތައް ނިމެންވާއިރަށް އެމީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 31 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން އަންނަނީ ތަމްރީން ފުރިހަމަކުރަމުންނެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި އަދި 64 އަންހެން ދަރިވަރުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. މީގެތެރެއިން ހޮވުނު 65 ޒުވާނުންވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަށާފައެވެ.
ދަސްވެނިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ނުހޮވޭ ކުދިން، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. އެގޮތުން، 171 ކުދިން އެމްއެންޑީއެފަށް، އަދި 7 ކުދިން އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަނުންނަށް ވަނީ ހަމަޖައްސާފައެވެ. އަދި 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަޒީފާދީފައިވާއިރު 23 ކުދިންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި 5 ކުދިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ.
މީގެ އިތުރުން 3 ކުއްޖަކަށް އެމްއޭސީއެލްއިންވެސް ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަން ބޭނުންވި 38 ކުދިންނަށް ސަރުކާރުން ވަނީ އެ ފުރުޞަތު ދީފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ހަމައެކަނި އަސްކަރީ ޕްރޮގްރާމެއް ނޫންކަމަށާއި މިއީ ޒުވާނުންނަށް އެކި ދާއިރާތާކަށް ލޯ ހުޅުވާލަދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވެގެން ނުކުންނާނީ ޤައުމަށް ޚިދުމަތް ކުރާ މުޖުތަމަޢު ޤަބޫލުކުރާ އުޞޫލްތާކާއި މިންގަނޑުތަކުގެތެރޭގައި އުފެދިގެން އަންނަ ޖީލެއްކަމަށެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުން ދަސްވެނިވި ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދިން އުޞޫލުން މިހާރު ތަމްރީންތައް ފުރިހަމަ ކުރާ ދަރިވަރުންނަށްވެސް އެ ފުރުޞަތު ލިބޭނެކަމަށެވެ. އެގޮތުން މިހާރު ތަމްރީން ފުރިހަމަ ކުރަމުން އަންނަ 350 ބައިވެރިންގެ ތަމްރީންތައް ނިމެންވާއިރަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ތައްޔާރު ކުރަނީ ޤައުމާއި ދީން ދެކެ ލޯބިވާ ޒުވާން ޖީލެއް. ރާއްޖެ ގޮވައިގެން ކުރިއަށްދާނެ ޖީލެއް. މި ޕްރޮގްރާމްގެ ސަބަބުން އަންނަން އޮތް ޖީލަށް ގިނަ ފައިދާތަކެއް ކުރާނެ." ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި އިތުރު 1,000 ޒުވާނުންނަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ހޯދާދިނުމެވެ.
ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ފެއްޓެވި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީނެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުންވެސް މި ތަމްރީނުގައި ވަނީ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތަށް ޤާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިމަހު ވަނީ ބިލެއްވެސް ހުށަހަޅުއްވާފައެވެ. މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް، މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.