ޚަބަރު

އީކޮމާސް ވެބްސައިޓުތައް ބޮލޮކް ނުކުރޭ!


  • އަލިއެކްސްޕްރެސް އަދި އެމޭޒަން ބޮލޮކް ކުރިކަމަށް ދެކެވޭ ވާހަކަ ބީއެމްއެލްއިން ދޮގުކުރޭ

  • އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑު ވިޔާފާރިއަށް މުދާގަތުމަށް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ބައިނަލްއަޤްވާމީ އީކޮމާސް ޕްލެޓްފޯމްތައް ކަމުގައިވާ އޭޒަން އަދި އަލިއެކްސްޕްރެސް ބޮލޮކްކޮށްފައިވާ ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބޭރުގެ ބައެއް އީކޮމާސް ޕްލެޓްފޯމްތައް ބޭންކް އޮފް މޯލްޑިވްސްއިން ބްލޮކޮށްފައިވާ ކަމަށް މީސްމީޑިއާގައި ދަނީ ފެތުރެމުންނެވެ. މިކަން ދޮގުކޮށް ޤައުމީ ބޭންކް، ބީއެމްއެލްއިން ނެރުނު ބަޔާނުގައި ވިދާޅުވީ އެމޭޒަން އަދި އަލިއެކްސްޕްރެސްއަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް ބޭނުންކުރަން މަސައްކަތް ކުރާ ނަމަ އެ މުޢާމަލާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މިކަން ސާފުކޮށްދިނުމަށް ބީއެމްއެލްއިން ވަނީ މި ދެ ވެބްސައިޓު މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފާސްހިސާބުތަކެއް ހިއްސާކޮށްފައެވެ. މިއަހަރު ފެށުނީއްސުރެ މިދިޔަ ހަފުތާގެ ނިޔަލަށް، 58،000 މުޢަމަލާތް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސް މެދުވެރިކޮށް ކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ބޭންކުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 2.33 މިލިޔަން ޑޮލަރު މިމުއްދަތުގައި މި ސައިޓުތަކަށް ޚަރަދުކޮށްފައިވެއެވެ.

ކަސްޓަމަރުން ކާޑުން ކުރަމުންދާ މުއާމަލާތްތަކަށް ބަލާއިރު، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން ދާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. މީގެ އިތުރުން ކަސްޓަމަރުން ބަޔާންކޮށްފައިވާ އާމްދަނީއަށް ވުރެ އިތުރަށް ކާޑު މުޢާމަލާތް ކުރުމަށް މަސައްކަތް ކުރާ ކަމަށް ބޭންކުން ފާހަކޮށްފައިވެއެވެ.

ބީއެމްއެލްއިން ވަނީ ވިޔަފާރި ބޭނުންތަކަށް މުދާ ގަންނަނަމަ، ބޭންކުގެ ބިޒްނަސް ބޭންކިންގ ސޮލިއުޝަންތައް ޚިޔާރު ކުރުމަށް އިލްތިމާސްކޮށްފައެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ވިޔަފާރިކުރުމަށާއި އެކި ޚިދުމަތްތަކަށް ބޭނުންވާ މުޢާމަލާތްތައް ކުރުމަށް ބޭންކުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ އެބޭންކުން ވިދާޅުވެއެވެ. ބީއެމްއެލްއިން ވަނީ މިވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ބޭރުގެ އެކި މަންސައްތައް މެދުވެރިކޮށް ކޮށްފައިވާ މުޢަމާލަތްތަކުގެ ތަފްސީލް ހާމަކޮށްފައެވެ. މީގެ ތެރޭގައި އޭޓީއެމް، އީކޮމާސް ވެބްސައިޓުތައް އަދި ޕީއޯއެސް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތައް ހިމެނެއެވެ.

މިދިޔަ އަހަރުތަކުގެ މާލީ މުޢާމަލާތްތައް

2023 - 311 މިލިޔަން ޑޮލަރު
2024 - 389 މިލިޔަން ޑޮލަރު
2025 - 524 މިލިޔަން ޑޮލަރު
2026 ޖަނަވަރީ - 59 މިލިޔަން ޑޮލަރު

މި އަދަދުތަކުގެ ގާތްގަނޑަކަށް 66 އިންސައްތަ މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތައް ކަމަށް ބީއެމްއެލް ވިދާޅުވެއެވެ. އަދި އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރައްވާއިރު އެއާލައިން ޓިކެޓަށާއި ހޮޓެލަށާއި އަދި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސާފައިވާނެ ކަމަށް ބޭކުން ފާހަގަކުރެއެވެ.

ބީއެމްއެލް އިން ވަނީ 1 ފެބުރުވަރީ 2026 އިން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއްދީފައިވެއެވެ.