ޚަބަރު

ކޭންގެ ދެލަނޑާއެކު ފްރޭންކްފާޓް ބަލިކޮށް ބަޔާން ބޮޑު ލީޑެއްގައި


  • މެޗުން ބަޔާން މޮޅުވީ 2-3 ގެ ނަތީޖާއަކުން

  • މި މޮޅާއެކު ބަޔާން އެއްވަނައިގައި އޮތީ 60 ޕޮއިންޓާއެކު

ޖަރުމަނު ބުންޑަސްލީގާގައި ފްރެކްފާޓްގެ އަތުން އުނދަގޫ މޮޅެއް ހޯދި ނަމަވެސް، ބަޔާން މިއުނިކުން ލީގު ތާވަލުގައި ލީޑު ފުޅާކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ބަޔާން މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތަރިއަކަށްވީ، މި މެޗު ފެށުމުގެ ކުރިން އެ ކުޅުންތެރިއެއްގެ ޝަރަފުގައި ޙާއްސަ ހަފްލާއެއް ބޭއްވި ހެރީ ކޭންއެވެ. ކެރިއަރުގައި ކޭން 500 ލަނޑު ހަމަކުރުން ފާހަގަކުރުމުގެ ގޮތުން، މި މެޗުގެ ކުރިން ދަނޑުގައި ކުޑަ ޙަފްލާއެއް ބާއްވާ ކޭންއަށް ޙާއްސަ ޕޯސްޓަރެއް އަރުވާފައިވެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބަޔާން އިން ފުރަތަމަ ލަނޑުޖެހިއިރު، 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސަންޑަރ ޕަވްލޮވިޗެވެ. އޭގެ ހަތަރު މިނެޓުފަހުން ކޭން ވަނީ ބަޔާންއަށް ދެވަނަ ލަނޑެއް ޖަހައިދީ ލީޑުފުޅާކޮށްފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބަޔާންއިން ދެވަނަ ހާފު ފެށިއިރު، 68 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގައި ފްރެންކްފާޓުން ފުރަތަމަ ލަނޑުޖެހީ 77 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ޖޮނަތަން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ފްރެންކްފާޓުން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަލިމުއެންޑޯއެވެ.

މި މޮޅާއެކު ލިބުނު ތިން ޕޮއިންޓާއެކު ބަޔާން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ފްރެންކްފާޓް އޮތީ 23 މެޗުން 31 ޕޮއިންޓު ހޯދައިގެން ތާވަލުގެ ހަތްވަނައިގައެވެ.