އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވެ ސިޓީ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 27 މެޗުން ޖުމްލަ 56 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ނިކޯ އޮރޭލީ ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ އަށް މިނިޓު ފަހުން ނިއުކާސަލް ޔުނައިޓެޑްގެ ލެވިސް ހޯލް ފޮނުވާލި ބޯޅަ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޮސް ގޯލުގެ ތެރެއަށް ވަދެގެން ވަނީ މެޗުގެ ނަތީޖާ އެއްވަރުވެފަ އެވެ.
މި މެޗުން ސިޓީ އަށް ތިން ޕޮއިންޓު ލިބިފައިވަނި މެޗުގެ 27 ވަނަ މިނިޓުގައި ނިކޯ އޮރޭލީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލް އިން ވަނީ މޮޅު ކުޅުމެއް ދައްކާ މެންޗެސްޓަރ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އޭގެ ތެރެއިންވެސް މެޗުގެ ފަހު ވަގުތުގައި ހާވޭ ބާރންސް ފޮނުވާލި ނުރައްކާތެރި ހަމަލާ ސިޓީގެ ގޯލުކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ މަތަކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އިން އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށެވެ.