ސައުދީ ލީގުގައި އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި އޮތް އަލް ހިލާލާއި އަލް އިއްތިހާދުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
މީގެކުރިން އަލް އިއްތިހާދުގެ ޖާޒީގައި ފެނިގެންދިޔަ ކަރިމް ބެންޒެމާ، މި މެޗުގައި އަލް ހިލާލުގެ ޖާޒީގައި އިއްތިހާދާ ދެކޮޅަށް މި މެޗުގައި ކުޅެފައިވެއެވެ.
ސައުދީގެ ކިންގްޑަމް އެރީނާގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ހިލާލުންނެވެ.
ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެލްކޮމް އެވެ. މިއީ އަލް ދައުސަރީގެ އެސިސްޓަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އޭގެ ހަތަރު މިނެޓުފަހުން އިއްތިހާދުގެ ޙަސަން ކަދޭޝް އަށް ރެފްރީ ވަނީ ރަތްކާޑެއް ވެސް ދައްކާފައެވެ.
0-1 ގެ ލީޑެއްގައި އޮވެ އަލް ހިލާލުން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފު ފަށައިގެން އަށް މިނެޓުގެ ތެރޭގައި އިއްތިހާދުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.
53 ވަނަ މިނެޓުގައި، އަލް ޝަންގީތީ ނަގައިދިން ހުރަހެއްގައި، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫސެމް އެވެ.
މި ނަތީޖާއާއެކު ދެ ޓީމު އެއްވަރުވުމުން، ލީގު ތާވަލުގައި ހިލާލުން ދަމަހައްޓަމުން އައި އެއްވަނަ މަގާމު ވަނީ ގެއްލިފައެވެ. އެ ޓީމުން ކުޅުނު 22 މެޗުން 54 ޕޮއިންޓާއެކު ދެވަނަ ލިބޭއިރު އެއްވަނައިގައި އަލް ނަސްރު އޮތީ އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.
އަލް އިއްތިހާދު އޮތީ 22 މެޗުން 38 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.