އެފްއޭއެމް ވެޓެރެންސް ކަޕް 2026 ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް މުއިވެޔޮ އެފްސީން ފެށުން ރަނގަޅު ކޮއްފިއެވެ. މުއިވެޔޮ ޓީމުން މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
މާފަންނަ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުން ވެސް ދިފާއަށް ވަނީ ވަރަށް ބޮޑަށް އިސްކަންދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ ކެޕްޓަން ކަމުގައި ކުޅުނު މުއިވެޔޮ ޓީމުން ފުރަތަމަ ހާފު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާދަމް ލަރީފަށެވެ. ލަރީފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެޓީމުގެ ފާރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމާ ހާފު ނިމުމުގެ ކުރިން ސިފައިންގެ ޓީމުގެ އަބްދުލް ސަމަދަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މެޗުގެ ދެވަނަ ހާފުގައި މުއިވެޔޮ ޓީމުން ވަނީ ލިބުނު މަދު ފުރުސަތުތަކެއްގައި ސިފައިންގެ ގޯލަށް ނުރައްކާ ކޮއްފައެވެ. އެގޮތުން އަހުމަދު ހުސެއިން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މުއިވެޔޮ ޓީމުން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 53 ވަނަ މިނިޓުގައި އޭރިއާތެރެއިން މުހައްމަދު ޝަހީމް ހިފައިގެން ވަތް ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
މި ނަތީޖާ އެކު މުބާރާތުގެ ގުރޫޕް އޭގެ ދެމެޗު ކުޅުނު އިރު ނިއު އާއި މުއިވެޔޮ ވާނީ 3 ޕޮއިންޓް ހޯދާފައެވެ. އަދި މި ގުރޫޕުން މެޗެއް ނުކުޅެނީ ވިލިމާލެ ޔުނައިޓެޑުންނެވެ.