ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު 17:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި ޕްރޮގްރާމްގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރައްވާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
"މި މަޝްރޫއު އިފްތިތާހުކުރުމަށްޓަކައި ސައުދީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައި ވާއިރު ދެފަރާތުން ގުޅިގެން ހާއްސަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައި. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުހިންމު ކަންތައްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ". ޑރ ޝަހީމް ވިދާޅު ވިއެވެ.
ރޯދަވީއްލުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ފައްޓަވާފައިވާއިރު ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަދުގެ ރޯދަ ވީއްލުމުގައި ބައިވެރިވުމަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.