ބާޒާރުމަތީ ސަރަހައްދަށް އެކި ބޭނުންތަކަށް ދާ ފަރާތްތަަކަށް ޕާކު ކުރާނެ އިތުރު ޖާގަ ބޭނުންވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކާރޫބާރޫ ބޮޑު މާލޭގެ ބާޒާރުމަތީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މިހާރު ވަނީ ހުޅުވާފައެވެ. ދުވާލަކު އެތައްބަޔަކު ބޭނުން ކުރާ އެމަގު މިހާރުވަނީ ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައެވެ. މިއާއެކު އެސަރަހައްދުގެ ޓްރެޕިކަށްވެސް ބޮޑު ލުއެއް ވަނީ ލިބިފައެވެ.
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރެފިކް އޮޕަރޭޝަންސް ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަހުމަދު ވިދާޅުވީ މާލޭ ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަށް ވަކި ޓީމެއް އެކުލަވާލާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިން އެމަގަކީ އެއްކޮޅައް ދުއްވި މަގެއްނަމަވެސް މިހާރު ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައިވުމާއެކު އެސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބޭނެކަމަށް ވިދާޅުވިއެވެ.
ޠަލްހަތު ވިދާޅުވީ މަގު ޑިޒައިން ކޮށްފައިވާއިރު މުދާއުފުލާ ބޯޓު ފަހަރަށް މުދާ އުފުލުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާކަމަށާއި، އެ ސަރަހައްދުގައި ހިމެނޭ ފިހާރަތަކަށް މުދާ އަރުވާ ބާލަންވެސް ސަރަހައްދުތައް ކަނޑައަޅާފައިވާކަމަށެވެ. އެހެންނަމަވެސް ޗާންދަނީ މަގުން ފެށިގެން ބޮޑުތަކުރުފާނުމަގު ފާލަމާ ހަމައަށް ޖެޓީފަަޅީގައި ޕާކު ކުރާނެ ޖާގަނެތްކަަމަށެވެ. އެސަރަހައްދު ޚާއްސަކޮށްފައިވަނީ އަތޮޅުތެރެއަށް މުދާ ގެންދާ ބަނދަރެއްގެގޮތުގައިކަަން ފާހަގަކުރައްވަމުން އެތަން ބޭނުންކުރާ ފަރާތްތަކުން އެސަރަހައްދުގައި އުޅަނދު ޕާކުކޮށްފައި ނުދިޔުމަށް ޠަލްހަތު އެދިވަޑައިގެންނެވިއެވެ.
އަދި މުދާ ގެންނަ ފަރާތްތަކުން ބަނދަރަށް މުދާ ގެންގޮސް ގިނައިރު ޖެޓީމަތީގައި މުދާ ނުބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މަގު ފުޅާވި ނަމަވެސް ޖެޓީ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ޖެޓީ ކައިރީގައި އުޅަނދުތައް 2 ލައިނަށް ނުވަތަ 3 ލައިނަށް ބެހެއްޓުމުން އެކަމުގެ ފައިދާއެއް ނުކުރާނެކަމަށް ޠަލްހަތު ވިދާޅުވިއެވެ. އަދި ފިހާރަތައް ހިމެނޭ ސަރަހަައްދުގައި ޕާކު ކުރާނެ ޖާގަ ކަނޑައެޅިފައި ވީނަމަވެސް މުދާ ބެހެއްޓުމުގެ ސަބަބުން އެތަނަށް ދާ އުޅަނދުތަކަށް އެ ސަރަހައްދުގައި ޕާކު ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
" ބޯޓު ފަހަރުން ގެންނަ މުދާ އަޅުގަނޑުމެންނަށް އެބަފެނޭ ބަނދަރުމަތީގައި ނުވަތަ ޖެޓީމަތީގައި ނޫނީ މަގަށް ވާގޮތަށް ބަހައްޓައިގެން ވިއްކަމުންދާ މަންޒަރު. އެހެންވީމަ މަގު ފުޅާކުރުމުގެ ހަޤީޤީ ފައިދާ ކުރާނީ މިފަދަ ކަންކަން ހުއްޓުވިގެން. ފިހާރަތަކުން އެބަފެނޭ ކުނި ބަހައްޓާ މަންޒަރާއި މުދާ ޕޭމަންޓުމަތީގައި ވިއްކާތަންވެސް ފެނޭ. ފިހާރަތަކުން ޕާކު ކުރާނެ ޖާގަ ވަނީ ކަނޑައެޅިފައި" ޠަލްހަތު އަހުމަދު ވިދާޅުވިއެވެ.
ބޯޓުތަކަށް މުދާ އަރުވަން ދަނީ ހަމައެކަނި ޕިކަޕުތަކުން ނޫންކަމަށާއި، އަތޮޅުތެރެއަށް މުދާ ފޮނުވުމަށް އާންމު ފަރުދުންވެސް އެސަރަހައްދަށް ޒިޔާރަތްކުރާއިރު އެސަރަހައްދުގެ ހުސްބިންތައް ބަލާ ޕާކު ކުރާނެ އިތުރު ޖާގަތަކެއް ހުރުން މުހިންމުކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަހުމަދު ވިދާޅުވިއެވެ.