ޚަބަރު

މާލެއާއި ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރަން އިތުރު އިންތިޒާމުތަކެއް


  • ހުޅުމާލެ ފޭސް1 އަދި ފޭސް 2ގެ މިފްކޯ ފިހާރައިން ދޫކުރާނެ

  • މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 09:30އިން 11:00އަށް

މަސްދަޅު ކޭސް މިހާތަނަށް ނުނަގާ ހުރި ގޭބިސީތަކަށް، މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިއީ އެކި ސަބަބުތަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާ ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމަށް ކަނޑައެޅި އިންތިޒާމުތަކެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ، ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒަކުން މަސްދަޅު ކޭސް މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ދޫކުރިއެވެ.

ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ރޯދަ ހަދިޔާ ނުލިބިވާ ފަރާތްތަކަށް ރޭގެ ނިޔަލަށް މާލޭގެ މިފްކޯ ފިހާރައިން އައީ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރަމުންނެވެ.

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، އެކި ސަބަބުތަކާހުރެ މަސްދަޅު ކޭސް ނުނެގި ހުރި ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް، މާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައިވެސް އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިމަސައްކަތުގެ ދަށުން މިނިސްޓްރީގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އަދި ހުޅުމާލެ ފޭސް 1އާއި، ފޭސް 2ގައި ހުންނަ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ.

ރޯދަ ހަދިޔާ ދޫކުރާނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.

މާލެ ސަރަޙައްދުގައި މިހާތަނަށް 54،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފަވެއެވެ. އަތޮޅުތަކުގެ ގިނަ ރަށްތަކުގައި މިހާރު ވަނީ، މަސްދަޅު ކޭސްތައް ބަހައި ނިންމާފައެވެ.

ސަރުކާރުން ދަނީ، މިދިޔަ އަހަރުން ފެށިގެން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދޫކުރަމުންނެވެ.