ކޮންމެ ރަމަޟާން މަހަކު ވެސް ބާއްވަމުން އަންނަ އެފްއޭއެމް ވެޓެރަންސް ކަޕުގެ މި އަހަރުގެ މުބާރާތުގެ ގުރު ނަގައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހުންނަ އެފްއޭއެމްގެ އިދާރާގައި ބޭއްވި ގުރުއަތުނެގުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުންނާއި އެފްއޭއެމް ޓެކްނިކަލް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްލަ 10 ޓީމު ބައިވެރިވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ 10 ޓީމު، ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭ ގޮތަށެވެ.
މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 20 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ.
މި މެޗުގައި ބައްދަލުކުރާނީ ޑަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެފްއޭއެމް އިން މަސައްކަތްކުރަމުންދަނީ ރަމަޟާން މަހުގެ ފަހު 10 ގެ ކުރިން މުބާރާތް ނިންމާލުމަށެވެ. އެ އަމާޒުގައި ކުރާ މަސައްކަތުގައި، ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ނިމުމުން، ވެޓެރަންސް ކަޕުގެ މެޗުތައް، ކޮންމެ ދުވަހަކު ދެ މެޗު ކުޅޭގޮތަށް މަސައްކަތްކުރަމުންދާކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.
ގިނަބައެއްގެ ޝައުގުވެރިކަމާއި މަގުބޫލުކަން ލިބިފައިވާ ވެޓެރަންސް ކަޕު މިފަހަރު "ވެޓެރަންސް ކަޕް" ގެ ނަމުގައި ކުރިއަށް ގެންދަނީ 10 ޓީމު ބައިވެރިވާތީ، ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޖެހުމުންނެވެ.
މީގެކުރިން މި މުބާރާތް ކުރިއަށް ގެންދަނީ ވެޓެރަންސް ލީގުގެ ނަމުގައެވެ. އެންމެފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުޅުމާލެ ވެޓެރަންސް އިންނެވެ. އެންމެފަހުން ބޭއްވި 4 މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.