ޚަބަރު

އިންޝުއަރެންސަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު ތަސައްލީއެއް: ޠާރިޤް


  • ކުޅުންތެރިންނަށް އަނިޔާވެގެންދާއިރު ދިމާވީ އުނދަގޫ ހާލަތްތަކެއް

  • މީގެ ކުރިން އަނިޔާވާ ކުޅުންތެރިން ތިބެނީ މާޔޫސްކަމެއްގަ

  • އެފްއޭއެމްގައި އަނިޔާވާ ކުދިންނަށް ޤާބިލުކަމެއް ނެތް

ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން ދެއްވާ ހެލްތް އިންޝިއުރެންސަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއް ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތާރިޤް ވިދާޅުވީ މީގެ ކުރިން ކުޅުންތެރިންނަށް އަނިޔާވެގެންދާއިރު ދިމާވީ އުނދަގޫ ހާލަތްތަކެއް ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގައި ކުޅުނު މެޗެއްގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން މުޙައްމަދުގެ އިނގިލި ބިންދައިގެން ދިޔަ ހާދިސާއަށް އިޝާރާތް ކުރެއްވިއެވެ.

ޠާރިޤް ވިދާޅުވީ އޭރު އަނިޔާވެގެންދާ ވަގުތު ކުޅުންތެރިން ތިބެނީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ކުޅުންތެރިންނަށް ލިބޭ އިންޝުއަރެންސަކީ އެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއް ކަމަށެވެ.

"އިންޖަރީވެގެންދާ ގަޑީގައި ގިނަ ފަހަރަށް ކުޅޭ ކުޅުންތެރިޔާ އިންނާނީ ވަރަށް ބޮޑަށް މާޔޫސްވެސްވެފަ. މިހާރު އެ ޔަގީންކަން ލިބޭނެ ކުޅުންތެރިޔާ ސެކިޔޯވާނެކަން" ޠާރިޤް ވިދާޅުވިއެވެ.

ދަނޑުމަތީގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދަން މީގެކުރިން އިންޝިއުރެންސްގެ މާބޮޑު ކަވަރޭޖެއް ލިބޭނެ ނިޒާމެއް ނޯންނަކަމަށާއި، ފަރުވާ ހޯދަން ޖެހެނީ އަމިއްލައަށް އެކި މީހުންގެ އެހީތެރިކަމާއެކުގައި ކަމަށް ޠާރިޤް ވިދާޅުވިއެވެ. ޠާރިޤް ވިދާޅުވީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އަނިޔާވުމުން އެހީތެރިކަން ފޯރުކޮށްދޭން އޭރުވެސް އެފްއޭއެމްގައި މާ ބޮޑު ގާބިލުކަމެއްނެތް ކަމަށެވެ.

ދާދިފަހުންވެސް ފުޓްސަލް ކުޅުންތެރިއެއްގެ ފަޔަށް އަނިޔާއެއް ލިބިގެންދިޔައިރު ތަންކޮޅެއް އުނދަގޫ ހާލަތެއް މެދުވެރިވިކަމަށްވެސް ޠާރިޤް ފާހަގަކުރެއްވިއެވެ. ޠާރިޤް އިޝާރާތްކުރެއްވީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި މިޔަންމާގައި ކުރިޔަށް ދިޔަ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އަލީ ހާފިޒް (ހާއްޕެ) ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަށެވެ. އޭނާގެ ފަރުވާއަށް އެފްއޭއެމް އާއި އެންސްޕާއިންވެސް ޚަރަދުކުރިއެވެ.

އިންޝުއަރެންސް ނުލިބުނު ކަންބޮޑުވުމަކީ އެތައް ދުވަހެއްވީ ކަންބޮޑުވުމެކެވެ. މިކަންބޮޑުވުން ނިމުމަކަށް ގެންނަވާ ޤައުމީ ޓީމުތަކަށް އިންޝިއުރެންސް ދެއްވަން ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ.

އެގޮތުން 5 ފެބުރުވަރީ 2025 ން ފެށިގެން ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި، އޮފިޝަލުންނަށް 5 ފެބުރުވަރީން ފެށިގެން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ވިދާޅުވެފައެވެ.