ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި ރޭ ފްރާންސްގެ ދެ ކްލަބް ކަމުގައިވާ މޮނާކޯ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފި އެވެ.
މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި މޮނާކޯގެ ފޮލަރިން ބަލޯގަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ 17 މިނިޓު ފަހުން މެޗުގެ 18 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ.
މޮނާކޯ އިން ދެ ލަނޑުގެ ލީޑެއް ނެގިތާ ހަތަރު މިނިޓު ފަހުން ޕީއެސްޖީ އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ ކެޕްޓަން ވިޓީނިއާ ފޮނުވާލިއިރު މޮނާކޯގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ވިޓީނިއާ އަތުން ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީގެ ފުރަތަމަ ޓީމުން ފްރާންސްގެ ޒުވާން ފޯވަޑް ޑިޒަޔާ ޑުއާއޭ އަށް ފުރުސަތު ނުދިން ނަމަވެސް މޮނާކޯ އިން ދެ ލަނޑުގެ ލީޑު ނެގުމާއިއެކު މެޗުގެ 27 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭގެ ބަދަލުގައި ޑުއާއޭ ވަނީ ކުޅެން އަރުވާފަ އެވެ.
އުމުރުން 20 އަހަރުގެ ޑޫއާއޭ ކުޅެން އެރިތާ ދެވަނަ މިނިޓުގައި އޭނާ ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އަޝްރަފް ހަކީމީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މޮނާކޯ އަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުގެ އެލެކްޒެންޑާރ ގޮލޮވިން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
ޕީއެސްޖީ މި މެޗުން މޮޅުވި ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިޒަޔާ ޑުއާއޭ އެވެ. މިއީ އޭނާ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖެހި ހަތަރުވަނަ ލަނޑެވެ.