ޚަބަރު

ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސްކުރަން ހާފިޒުން ހަމަޖައްސައިފި


  • މިއީ ޤައިދީންނަށް އަޅުކަން ކުރުމަށް މަގުފަހި ކުރުމަށް ކުރި ކަމެއް

  • ދީނީ ހޭލުންތެރިކަން އިސްކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންދާނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި، މި އަހަރުގެ ރަމަޟާން މަހު ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދު ކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ހާފިޒުން ހަމަޖައްސައިފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދީނީ ކަންކަމަށް އިސްކަންދީ، އަޅުކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ކަމެކެވެ. މި ނިންމުމާއެކު، ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީ އުސޫލުން ތަރާވީސް ނަމާދު ޖަމާއަތުގައި ކުރެވިގެންދާނެއެވެ.

ތަރާވީސް ނަމާދުގެ އިތުރުން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމޖެހިފައެވެ. މި ސެޝަންތަކުގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދަނީ ޤައިދީން އިސްލާޙުކޮށް، މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން ރަމަޟާން މަހާ ދިމާކޮށް މި ފެށުނު ދީނީ ހަރަކާތްތަކަކީވެސް އެ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި އެ މުއައްސަސާއިން ފާހަގަކުރެއެވެ.