ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ހުރިހައި ލޯނެއް ޝަރީޢާ އުސޫލަށް


  • މިމަމަސައްކަތް ފަށާފައިވަނީ އޮކްޓޫބަރުމަހު

ޝަރީޢާގެ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ބަދަލުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، އެކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ހުރިހައި ލޯނެއް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ކަސްޓަމަރުންނަށް ހުޅުވާލައިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ 2025 ވަނަ އަހަރު އޮކްޓޫބަރު މަހު ފެށި މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި އިސްކަންދީފައިވަނީ، އެކި ސަބަބުތަކާހުރެ ކުރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށްކަމަށެވެ. މިގޮތުން، ގިނަ ފަރާތްތަކެއްގެ ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަކަށް ބަދަލުކޮށްދީފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން މިހާރު ހުރިހައި ކަސްޓަމަރުންނަށް ހުޅުވާލި މި ފުރުސަތުގެ ސަބަބުން އެފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިގޮތުން ފެސިލިޓީތައް އަލުން ތަރުތީބުކޮށް، މަހުން މަހަށް ދައްކަން ޖެހޭ އަދަދު އަދި ފައިސާ ދައްކާ ޚަލާސްކުރުމުގެ މުއްދަތު އިތުރުކުރުން ފަދަ ލުއިތައް ހިމެނެއެވެ. އަދި ގަވާއިދުން ފައިސާ ނުދެއްކި ހުރި ފެސިލިޓީތައް ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން، އަލުން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މިހާތަނަށް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކުރުމުގެ އޮފާ ލިބިފައިނުވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްއިން ރީފައިނޭންސިންގ އޮފާ މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ފަށާފައިކަމަށެވެ. އަދި ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރަށް ލިބިފައިވާ އޮފާ ގަބޫލުކުރުމުންކަމަށާއި އޮފާ ފޮނުވުމަށްފަހު، ފެސިލިޓީއަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައިގެން ހިއްސާކުރާނެކަމަށް ވިދާޅުވިއެވެ.