ޚަބަރު

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް


  • މި ބަދަލުގެންނަނީ ޑޮމެސްޓިކް ޓާމިނަލަށް އަންނަ ބަދަލާ ގުޅިގެން

  • ޑޮމެސްޓިކަށް އަންނަ ޓެކްސީ މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ކައިރިއަށް

  • ބަސް ދަތުރަށް ބަދަލެއް ނާންނާނެ

ކުރީގެ އިންޓަރނޭޝަނަލް އެއާޕޯޓަށް، ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރުމާ ގުޅިގެން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލު އަންނާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި ބަދަލަށް ޢަމަލުކުރަން ފަށާނީ މިރޭގެ 08:00އިން ފެށިގެންކަމަށެވެ.

މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ކުރިމައްޗަށެވެ.

ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1ގެ ޓެކްސީ ކިއުއެވެ. މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެކެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ޓާމިނަލްގެ ޚިދުމަތަށް ބަދަލު އައި ނަމަވެސް، އެއާޕޯޓްގައި ބަހުގެ ޚިދުމަތް ދޭ ގޮތަށް ބަދަލު ނާންނާނެކަމަށާއި، ބަސްތައް މަޑުކުރާނީ މިހާރުވެސް ބަސް ހުއްޓިތައް ހުރި ސަރަޙައްދުތަކަށްކަމަށެވެ.

އެއާޕޯޓުން ޚިދުމަތް ހޯދާ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ވަކި ތާވަލަކަށް ބަހާލައިގެން، މިހާރު ވަނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްގެ ހުރިހާ ޚިދުމަތްތައް އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ޚިދުމަތް ފަށާނީ މިރޭ 08:00އިން ފެށިގެންނެވެ.