ރާއްޖޭގެ ޗެސް އެސޯސިއޭޝަންގެ ރައީސް ނޫޙް އަލީ، އެ އެސޯސިއޭޝަނަށް ސަރުކާރުން ދޭ ފައިސާއަށް ހިޔާނާތްތެރިވިކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ނޫޙު އާ ގުޅޭ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަކަން، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ވަނީ "ޕީއެސްއެމް ނިއުސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
"ޗެސް މޯލްޑިވްސް" އިން ހިއްސާކޮށްފައިވާ ބެންކް ސްޓޭޓްމަންޓް އިން ދައްކާ ގޮތުގައި، 2025 އަހަރުގެ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް، މާލީ ވުޒާރާއިން ޗެސް އެސޯސިއޭޝަނަށް 1,528,001ރ (އެއް މިލިއަން ފަސްލައްކަ އަށާވީސް ހާސް އެއް ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.
މި ފައިސާ އަކީ ރާއްޖޭގައި ޗެސް ކުރިއެރުވުމަށާއި، އެސޯސިއޭޝަންއާ ގުޅުންހުރި މުހިންމު ކަންކަމާއި އިދާރީ ބޭނުންތަކަށް ޚަރަދުކުރުމަށްޓަކައި ސަރުކާރުން ދީފައިވާ ފައިސާއެވެ.
ފާއިތުވީ ދުވަސްތަކުގެ ތެރޭގައި، ރާއްޖޭގެ ގިނަ ޗެސް ކުލަބުތަކަކުން އައީ ޗެސް އެސޯސިއެޝަންގެ މާލީ ކަންކަން ދެފުށްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް ގޮވާލަމުންނެވެ. އެހެންނަމަވެސް އެ ގޮވާލުންތަކަށް، މި ފަހަކާ ޖެހެންދެން ޗެސް އެސޯސިއޭޝަނުން އިޖާބަދީފައި ނުވެއެވެ.
އެންމެފަހުން އެ ގޮވާލުންތަކަށް އިޖާބަދީ ޗެސް އެސޯސިއޭޝަންގެ ބެންކް ސްޓޭޓްމަންޓް މިހާރު ކުލަބުތަކާ ހިއްސާކޮށްފައިވާއިރު، އެއިން، ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވެއެވެ.
އެގޮތުން، ކުރިން ފާހަގަކުރި މުއްދަތުގެ ތެރޭގައި ޗެސް އެސޯސިއޭޝަނަށް ލިބުނު 1.5 މިލިއަން ރުފިޔާގެ ތެރެއިން، އެސޯސިއޭޝަންގެ ރައީސް ނޫހުގެ އަމިއްލަފުޅު އެކައުންޓާއި އާއިލީ މެމްބަރުންގެ އެކައުންޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކޮށްފައިވާއިރު، މާލޭގެ ބައެއް ފިހާރަތަކަށް ފައިސާ ދައްކާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ބޭންކް ސްޓޭޓްމަންޓުން ދައްކާ ގޮތުން ފާއިތުވީ 12 މަސް ދުވަހުގެ ތެރޭގައި ޗެސް އެސޯސިއޭޝަންގެ ރަސްމީ އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 1.35 މިލިއަން ރުފިޔާ، ނޫހުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ނޫހުގެ އެކައުންޓަށް، ޖުމްލަ 44 ޓްރާންސެކްޝަނެއް ކޮށްފައިވާކަމަށް ބޭންކް ސްޓޭޓްމަންޓުން ދައްކައެވެ.
މީގެއިތުރުން، ނޫހުގެ ދަރިފުޅު، ޙުސެއިން ނާހިލް ނޫހުގެ އެކައުންޓަށް ޖުމްލަ 113,285.86ރ ޓްރާންސްފަރ ކޮށްފައިވެއެވެ.
އެއީ ޖުމްލަ 1.46 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ޗެސް ކުރިއެރުވުމަށާއި އެސޯސިއޭޝަންގެ އިދާރީ ބޭނުންތަކަށް ދިން ފައިސާގެ ގާތްގަނޑަކަށް 96 އިންސައްތައެވެ.
ޗެސް އެސޯސިއެޝަންގެ ބެންކް އެކައުންޓުން ނޫހާއި އޭނާގެ ދަރީގެ އެކައުންޓަށް 1.46 މިލިއަން ރުފިޔާ ޓްރާންސްފަރ ކޮށްފައިވާއިރު، އެ ދެ އެކައުންޓުން ޗެސް އެސޯސިއޭޝަންގެ އެކައުންޓަށް 227,680ރ ޖަމާކޮށްފައިވެސް ވެއެވެ.
އެއީ ނޫޙުގެ އެކައުންޓުން 176,500ރ އާއި ނާހިލް ނޫހުގެ އެކައުންޓުން 51,180ރ އެވެ.
އެހެންކަމުން ނޫހާއި ދަރީގެ އެކައުންޓަށް ޓްރާންސްފަރ ކުރި ފައިސާގެ 84 އިންސައްތަ އަނބުރާ ޗެސް އެސޯސިއޭޝަންގެ ބެންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ބެންކް ސްޓޭޓްމަންޓުން ފެންނާކަށް ނެތެވެ.
ކުރެވޭ ތުހުމަތުތަކާ ގުޅިގެން "ޕީއެސްއެމް ނިއުސް" އިން ގުޅާލުމުން ނޫޙު ވިދާޅުވީ، މަގާމުގައި ހުރެ އެސޯސިއޭޝަންގެ އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.
ސްޓޭޓްމަންޓުން ނޫހާއި ދަރިފުޅުގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ދައްކާ އަދަދުތަކަކީ، އެކިއެކި ދަތުރުތަކަށް އެސޯސިއޭޝަންގެ ބޭނުމަށާއި، އެތުލީޓުންގެ ބެލެނިވެރިން އެދިގެން ބޭރު ފައިސާ ގަންނަން ޓްރާންސްފަރ ކޮށްފައިވާ އަދަދުތަކެއްކަމަށް ނޫހު ވިދާޅުވިއެވެ.
ނޫހު ވިދާޅުވީ، ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ޗެސް އެސޯސިއޭޝަނުން ގަންނަނީ ޔޫރޯ ކަމަށެވެ. އަދި ވަކިވަކިން ކޮންމެ އެތުލީޓަކު ބޭރު ފައިސާ ގަންނަނަމަ، ޚަރަދު ބޮޑުވާނެކަމަށް ލަފާކުރެވޭތީ ޚަރަދު ކުޑަކުރުމުގެ ގޮތުން ބެލެނިވެރިން ވެސް ޔޫރޯ ގަންނަނީ އެސޯސިއޭޝަނަށް ފައިސާ ދީގެންކަމަށް ނޫހު ވިދާޅުވިއެވެ.
އަދި ވަކިވަކިން ކޮންމެ ބެލެނިވެރިއަކަށް ޔޫރޯ ގަތުމުގެ ބަދަލުގައި، އެކީ އެކައްޗަކަށް ބޭރު ފައިސާ ގަތުމަށް ޗެސް އެސޯސިއޭޝަންގެ އެކައުންޓުން ބޮޑެތި އަދަދުތައް ޓްރާންސްފަރ ކުރަނީކަމަށް ނޫހު ވިދާޅުވިއެވެ.
މިއީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ކަންކުރާގޮތް ކަމަށް ނޫހު ވިދާޅުވިއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ނޫހު ވަނީ، އާންމުކޮށްފައިވާ ސްޓޭޓްމަންޓަކީ ސައްޙަ ސްޓޭޓްމަންޓެއްކަން ޔަގީންކޮށްދެއްވާފައެވެ.
އެހެންނަމަވެސް، އެސޯސިއޭޝަންގެ ބޭންކް ސްޓޭޓްމަންޓް، ކުލަބުތަކާ އެކްސްކޯއިން ހިއްސާކުރުން އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެކްސްކޯ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ބައްދަލުވުން ބޭރުވާކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ވެސް ނޫހު ހިއްސާކުރެއްވިއެވެ.
ޗެސް އެސޯސިއޭޝަންގެ އެކްސްކޯއިން ވަނީ ނޫޙު، އިދާރީ މަސައްކަތްތަކުން އެކަހެރިކޮށްފައެވެ.
މިކަމާ ގުޅިގެން ނޫހު ވިދާޅުވީ، އެސޯސިއޭޝަންގެ އެކްސްކޯއަށް އެފަދަ ފިޔަވަޅެއް ނޭޅޭނެކަމަށާއި، އެއީ ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ނޫހު ފައިސާއަށް ހިޔާނާތްތެރިވިކަން ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ވެސް މި މައްސަލަ ބަލަމުންދަނީ، އެފަދަ މައްސަލައެއް ހުށަހެޅިފައިވާތީއެވެ.
ތަކުރާރުކޮށް ނޫހު ވިދާޅުވަމުން ގެންދަވަނީ ފައިސާއަށް ހިޔާނާތްތެރިނުވާ ކަމަށެވެ.
ޗެސް އެސޯސިއޭޝަންގެ ޓްރެޝަރާގެ މަގާމުގައި ކުރިން ހުންނެވި ނޫހު، އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.