ޚަބަރު

ކިއުބާ، ބްރެޒިލް، މެކްސިކޯއަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދީފި


ތިން ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި 3 ޤައުމަކީ ރިޕަބްލިކް އޮފް ކިއުބާ އާއި ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްގެ އިތުރުން ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއެވެ.

މީގެ ތެރެއިން ރިޕަބްލިކް އޮފް ކިއުބާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދުއެވެ. ޢަބްދުލްޣަފޫރު މުޙައްމަދު ކިއުބާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް 57 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު މުޙައްމަދުއެވެ. ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ.ޢަލީ ނަޞީރު އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ ޝިރުޒިމަތު ސަމީރުއެވެ. އޭނާ ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރައްވާފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ.

ތިން ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިޅީހުން ފާސްކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު މައްސަލަ ނިންމިގޮތުގެ ރިޕޯޓް ވަނީ މަޖިލީހަށް ހުށަހަޅުއްވުމަށްފަހުގައެވެ. އެގޮތުން އެ ކޮމިޓީންވެސް ފާސްކުރީ ނޮން - ރެޒިޑެންޓް ސަފީރު ނުވަތަ ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ކަމަށް އެ 3 ބޭފުޅުން އައްޔަންކުރެއްވުމަށެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ. އަދި މިހާރު ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރައްވަނީ ސަފީރުންގެ ގޮތުގައި ކުރިންވެސް ކަނޑައަޅުއްވާފައި ތިއްބަވާ ބޭފުޅުންނެވެ.