ޚަބަރު

އައްޑޫ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފި


  • ކެތު ލެބުގެ ޚިދުމަތް ރަސްމީކޮށް ފެށީ މި މަހުގެ 7ވަނަ ދުވަހު

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗުން ގުޅިގެން އައްޑޫގައި ހިތުގެ ބަލިތަކަށް ދޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަވެންޝަނަލް ކާޑިއޮލޮޖީ ނުވަތަ ކެތު ލެބުގެ ޚިދުމަތް ފެށީ، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހެވެ.

ކެތު ލެބަކީ، ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކޮށްފައިވާ ލެބެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ކުލައެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅި ބެދޭ ފަދަ އެއްޗެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫގައި ކެތު ލެބު ހުޅުވިފަހުން މިހާތަނަށް 16 މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 7 މީހަކަށް ސީއޭޖީ އަދި އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށާއި، 9 މީހަކަށް ސީއޭޖީ ހަދާފައިވާ ކަމަށެވެ.

އެންޖިއޯގްރަފީއަކީ، ބަލި ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓު ކުރުމަށްޓަކައި އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން ހިމަ ހޮޅިއެއް (ކެތީޓަރ) އެތެރެ ކުރެވެއެވެ. އެއަށްފަހު ހިތުގެ ލޭހޮޅިތަކަށް (ކޮރޮނަރީ އާޓަރީޒް) ޑައި އެއް ފޮނުވައި، އެކްސް-ރޭ ފޮޓޯ ނަގައިގެން ލޭހޮޅިއެއް ބެދިފައިވޭތޯ ބަލައެވެ.

އެންޖިއޯ ޕްލާސްޓީއަކީ، ބައްޔަށް ދޭ ފަރުވާއެކެވެ. ލޭހޮޅިއެއް ބެދިފައިވާނަމަ، ބެލޫނެއް ފުއްޕައިގެން އެ ލޭހޮޅިއެއް ހުޅުވައިދެއެވެ. އާންމު ގޮތެއްގައި، ލޭހޮޅި ހުޅުވިފައި ބެހެއްޓުމަށްޓަކައި "ސްޓަންޓް" އެއް ލައްވައެވެ. މީގެ ސަބަބުން ހިތަށް ލޭ ދައުރުވުން ރަނގަޅު ކޮށްދެއެވެ. މިއީ، އެންޖިއޯގްރަފީއާ އެއްފަދަ ކަމެކެވެ. ނަމަވެސް މިއީ ޚާއްޞަކޮށް ހިތުގެ ލޭހޮޅިތަކަށް ކުރާ ޓެސްޓެކެވެ.