ޚަބަރު

ވިކްޓްރީ ބަލިކޮށް މާޒިޔާ ސެމީއަށް، ނުކުންނާނީ ނިއުއާ ދެކޮޅަށް


  • ވިކްޓްރީގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

  • ސެމީއަށް މާޒިޔާ ދަތުރުކުރީ އެއްވަނައިގެ ގޮތުގައި

  • ނިއުއާ ދެކޮޅަށް ކުޅޭ ސެމީ މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ވިކްޓްރީ ބަލިކޮށް، ގްރޫޕް 1 ގެ އެއްވަނައިގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ދެ ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ.

އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑަކީ، އަހުމަދު އައިހަމް އޭރިއާ ތެރެއިން ބޯޅަ ހޯދައި ހުރަސްކޮށްދިން ބޯޅައެއް، މުހައްމަދު އިލާން އިމްރާން ހޯދައި ޖައްސާލުމުން މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސާޖިއޯ މެންޑީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި މެންޑީ ޖަހައިދިން ލަނޑެކެވެ.

އޭގެ ތިން މިނިޓު ފަހުން ނާއިޒް ހަސަން (ދާދު) ހުރަސް ކޮށްލި ބޯޅަ ހައިޝަމް ހަސަން (ބިޑި) ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ވިކްޓަރީ ކީޕަރު ކިރަން ކުމާރު ލިމްބޫ އަތުގައި ޖެހިފައެވެ.

މި މޮޅާއެކު މާޒިޔާއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. ފުރަތަމަ މެޗުގައި މާޒިޔާއިން ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

އެއްވަނައިގެ ގޮތުގައި މާޒިޔާ ސެމީއަށް ދަތުރުކުރިއިރު މި ގުރޫޕުގެ ދެވަނަ ހޯދައި ސެމީގެ ޖާގައެއް ކަށަވަރުކުރީ ބުރުންނެވެ. މުބާރާތުގެ ސެމީ ފައިނަލުގައި މާޒިޔާ ނުކުންނާނީ ގްރޫޕް 2 ގެ ރަނަރަޕް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ.