ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް ބަދަލުކުރުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26ގައި ވަނީ ހުޅުވާފައެވެ. އެ ޓަރމިނަލް ހުޅުވުމާއެކު ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ހުރިހާ ޚިދުމަތެއް އައު ޓަރމިނަލްއަށް ވަނީ ބަދަލުކޮށްފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާކަމަށެވެ. އެގޮތުން އެތަނައް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މަރާމާތުކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލްގެ ދަތުރުތައް މާދަމާ ބަދަލުކުރާނެކަަމަށެވެ. ބަދަލުކުރުމަށްފަހުގައި ޑޮމެސްޓިކް ޓަރމިނަލުން ދިން ހުރިހައި ޙިދުމަތެއް ލިބޭނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލުނެވެ.
ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ވިލާ އެއާ އިންނެވެ.