ޚަބަރު

ދިއްދޫ ޖޫނިއަރ ކޮލެޖު ހޮސްޕިޓަލިޓީގެ ދާއިރާއަށް، އަހަރު މެދުތެރޭގައި ހުޅުވަނީ


  • 95% މަސައްކަތް ވަނީ ނިމިފައި

  • މިހާރު ދަނީ ކްލާސްރޫމްތަކުގެ ސެޓަޕްތައް ހެދުމުގެ މަސައްކަތް

  • ވޯލްޑް ބޭންކުގެ އެހީތެރިކަން މިމަޝްރޫޢަށްވަނީ ލިބިފައި

ދިއްދޫ ޖޫނިއަރ ކޮލެޖުގެ ކިޔެވުން، އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ މަރުކަޒުގައި ހޮސްޕިޓަލިޓީގެ ދާއިރާއިން ތަމްރީންވުމަށް ޚާއްސަ ޓްރެއިނިންގް ވިންގެއް ޤާއިމުކުރެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހއ.ދިއްދޫގައި ޤާއިމުކުރަމުންދާ ހއ.އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް ޢިމާރާތް ކުރުމުގެ މަސައްކަތުގެ %95 މިހާރު ނިމިފައިވާކަމަށެވެ.

ނަމަވެސް އިމާރާތުގެ ކޮންސެޕްޓަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާތީ ކޮންޓްރެކްޓަރާއި ހަވާލުކޮށްގެން އެމަސައްކަތްވެސް މިހާރު އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހޮސްޕިޓަލިޓީގެ ދާއިރާއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޓްރެއިނިންތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހޮސްޕިޓަލިޓީ ވިންގެއް ހެދުމެވެ.

މި ވިންގުގައި، ކަލިނަރީ ކިޗަންއަކާއި ޕޭސްޓްރީ ކިޗައެއްގެ އިތުރުން، ހައުސްކީޕިން އަދި ފްރަންޓް އޮފީސް ބައިތައް، ކިޔަވައި ދިނުމަށް ރޫމް ސެޓަޕް، ލޯންޑްރީ އަދި ރިސެޕްޝަން އޭރިއާއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޢިމާރާތުގައި، އެހެނިހެން ޓެކްނިކަލް ދާއިރާތަކަށް ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ޤާއިމުކުރާ ވޯކްޝޮޕްތައް މިހާރު މުޅިންހެން ނިމިފައިވާކަމަށެވެ. އަދި މިވޯކްޝޮޕްތަކުގައި ކިޔަވައި ދިނުމަށް ބޭނުން ކުރާ މެޝިނަރީއާއި އިކުއިޕްމެންޓްތަކާއި ޓޫލްސްތައްވެސް މިހާރު ވަނީ ހޯދާފައެވެ. މި ތަކެއްޗަކީ ވޯލްޑް ބޭންކުގެ އެހީގައި މީރީ ޕްރޮޖެކްޓްގެ ދަށުން ލިބިފައިވާ ތަކެއްޗެވެ.

މިހާރު ކުރިޔަށް ދަނީ ޢިމާރާތުގެ ކްލާސްރޫމްތަކަށާއި އެހެނިހެން ބައިތަކަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތެވެ. އަދި ތަނުގެ ހިންގުމުގެ ޕްލޭނާއި، އެހެނިހެން މަސައްކަތްތައްވެސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އިންސްޓިޓިއުޓަށް ބައެއް މުވައްޒަފުން މިހާރުވެސް ނަގާފައިވާއިރު، ކިޔަވައިދޭން ފެށުމަށް އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ހޮސްޕިޓަލިޓީ ވިންގާއެކު، މުޅި އިންސްޓިޓިއުޓްގެ މަސައްކަތް ނިންމާ، މިއަހަރުގެ މެދުތެރޭގައި ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ދިއްދުއަކީ އުތުރުގެ އެންމެ އާބާދީ ބޮޑު އެއް ރަށެވެ. މި މަރުކަޒާއެކު، އަމިއްލަ ރަށާއި ސަރަޙައްދުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިވާނެއެވެ.

ޖޫނިއަރ ކޮލެޖުތައް ތަރައްޤީކުރަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ. މި ކޮލެޖުތަކުގައި ޚާއްސަކުރާ ވަކި ދާއިރާތަކަށް ކިޔަވައިދޭނެއެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.