ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ރޯދަ މާރުކޭޓު، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
މި މާރުކޭޓު ޤާއިމުކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މި މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަގުތީ މާރުކޭޓެއް ވަނީ ޤާއިމުކޮށްފައެވެ.
އެޗްޑީސީން ވިދާޅުވީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ހުޅުމުށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ. އަދި މިހާރުކުރިއަށްދަނީ، މާރުކޭޓުން ގޮޅި ދޫކުރުމުގައި ކުރަންޖެހޭ މަސައްކަތްތައްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ އެ މާރުކޭޓުން ގޮޅި ދޫކުރާނީ، ކުލި ދައްކަންޖެހޭ ގޮތަށް ނޫންކަމަށެވެ. އަދި މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ކަމަށެވެ. އެޗްޑީސީން ވިދާޅުވީ، މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެޗްޑީސީން މަސައްކަތް ކުރަނީ ހުޅުމާލެއަކީ، ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބެން ހުންނަ ތަނަކަށް ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކޯޕަރޭޝަނުން ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.