ޚަބަރު

ޖާގަ ތަނަވަސްކޮށް، ތާރުއަޅައި ބާޒާރު މަތީ މަގު ހުޅުވާލައިފި


  • 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވޭ

  • ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަަގަށް އިތުރުކޮށްފައިވޭ

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އާންމުދަތުރުފަތުރަށް ހުޅުވާލައިފިއެވެ. ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށީ، ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.

ބޮޑު ތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމުގެ ކުރިން މަގު ފެހިކުރުމަށްޓަކައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދައުލަތުގެ އިސްވެރިންނާއި އެމްޓީސީސީގެ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެ ގަސްއިންދާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވަނީ، މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމި އާންމުންނަށް ހުޅުވާލެވުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

"މި ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގަ އޮތް ސަރަހައްދެއް، އެހެންނަމަވެސް އޭގެ ސަބަބުން ބައިވަރު ދަތިތަކާ ކުރިމަތިވާތީވެ ސަރުކާރުން މި މަގު ފުޅާކޮށް، ދެކޮޅަށް ދުއްވާ މަގެއް ގޮތުގަ މި ކަނޑައަޅަނީ. މިއާއެކު ބާރުބޮޑު ވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ޤަބޫލުކުރަނީ". ވަޒީރު ވިދާޅުވިއެވެ.

މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ މިއަދު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިއިރުވެސް އެމްޓީސީސީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މަސައްކަތްތައް ނިންމާ އާންމުންނަށް ހުޅުވާލުމެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.