މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025 ގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، މޫސާ މަނިކު (ކުޑަމޫސަ) އަދި އޭނާގެ ކޮއްކޮ، މުޙައްމަދު ނަދީމް (ނަދީމްބެ) އަށް އަރުވައިފިއެވެ.
މި އެވޯޑުތައް އެ ދެ ޝަހްސިއްޔަތާ ހަވާލުކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
އެމަނިކުފާނު، މި އެވޯޑްތައް ހަވާލުކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްޞަ ޙަފުލާގައެވެ.
މި އެވޯޑު އެ ދެބޭފުޅުންނަށް އަރުވާފައި ވަނީ، ދިވެހި ކުޅިވަރަށް ކޮށްދީފައިވާ އަގުނުކުރެވޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ރާއްޖޭގެ ކުޅިވަރުގެ ދިގު ތާރީޚުގައި އުފެދުނު އެންމެ ނުފޫޒުގަދަ އެއް ނަން ކަމަށްވާ މޫސާ މަނިކު ބޮޑަށް ވިދާލީ، ފުޓުބޯޅަ ކުޅުއްވި ދުވަސްވަރުއެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކެރިއަރު ފައްޓަވައި، އެފަހުން ވެލެންސިއާއަށް އޭނާ ކުޅުއްވާފައިވެއެވެ.
މޫސާ މަނިކަކީ ރާއްޖޭގައި އުޖޫރައެއް ދީގެން ފުޓުބޯޅަ ކުޅުއްވި ފުރަތަމަ އެތުލީޓަށެވެ.
މޫސަ އަކީ، ވޮލީބޯޅަ އާއި ބައިސިކަލް ރޭސް ހިމެނޭހެން ވަރަށް ގިނަ ކުޅިވަރުތަކެއްގައި ވިދާލި ކުޅިވަރު ޝަހުސިއްޔަތެކެވެ.
މީގެއިތުރުން، ރާއްޖެއިން ފުޓުބޯޅައިގައި ފުރަތަމަ ފަހަރަށް މެޑައްޔެއް ހޯދިއިރު އެ ޓީމުގައި ވެސް މޫސަ ހިމެނިވަޑައިގެންނެވިއެވެ. އެއީ 1991 ގެ ސާފް ގޭމްސްގައި ވާދަކުރި ޤައުމީ ޓީމެވެ.
މޫސަގެ އިތުރުން ދެން އެވޯޑު ލިބުނު ނަދީމް އަކީ ފުޓުބޯޅައަށްވުރެ ބޮޑަށް ވޮލީގައި ވިދާލި ޝަހުސިއްޔަތެކެވެ. މޮޅަށް ފުޓުބޯޅަ ވެސް ކުޅުނު ނަދީމް އަކީ އެތުލެޓިކްސްގައި ރެކޯޑް ދެމެހެއްޓި ފީލްޑް އެތުލީޓެކެވެ.
ޤައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުކަން ކޮށްފައިވާ ނަދީމް ފަހުން ބޮޑަށް ހަރަކާތްތެރިވީ ކޯޗިންގައެވެ. އޭނާ ވަނީ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީ، ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިދީފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްޤީކޮށް ކުރިއެވުމަކީ ޤައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.