ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 58 ޕޮއިންޓެވެ.
އެހެންކަމުން ހޯމަ ދުވަހު ޖިރޯނާ އާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އަނބުރާ ތާވަލުގެ އެއްވަނަ މަގާމް ލިބޭނެ އެވެ. މި މެޗުން ބަލިވި ސޮސިއެޑާޑް އަށް ލިބިފައިވާ 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މި މެޗުގެ 21 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޑީން ހުއިސަން ކުރި ފައުލަކާއި ގުޅިގެން ރެއާލް ސޮސިއެޑާޑް އަށް ލިބުނު ޕެނަލްޓީ އަކުން މިކޭލް އޮޔަރްޒަބާލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ރެއާލް މެޑްރިޑް އިން ކުރި ހޯދާފައިވަނީ އޭގެ ހަތަރު މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 31 ވަނަ މިނިޓުގައި ފެޑެރީކޯ ވަލްވާޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖަ 3-1 އަށް ބަދަލުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ.