ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް، މުޅި ރާއްޖެއިން އެ މުބާރާތެއްގައި ވާދަކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ހދ. ނައިވާދޫއިން ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެ ބަލިވުމުގެ ހިތްދަތިކަން ފިލުވާލައި ނައިވާދޫއިން މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގއ. ދެއްވަދޫގެ މައްޗަށް 3-9 އިން ކުރިހޯދައިގެންނެވެ.
ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި ފެނިގެންދިޔައެވެ. އެގޮތުން ނައިވާދޫ ޓީމުގައި، އަބްދުﷲ ޝާފިއު (ޝާއްޕެ) އަޙްމަދު ހަމީދު (އައްމަޑޭ) އަދި އިބްރާޙީމް ނާޖިހު (ހޭޓް) ހިމެނެއެވެ. ދެއްވަދޫ ޓީމުގައި، ޤައުމީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި)، ހުޒެއިފަތު ރަޝީދު (ހުޒޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި އަލީ ހައިސަމް (ޗުމްޕު) ހިމެނެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗު ފަށައިގެން 15 ސިކުންތުގެ ތެރޭގައި ދެއްވަދޫއިން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރާހިލް އެވެ.
އެހެންނަމަވެސް މާ ގިނައިރުތަކެއް ނުވެ އަޙްމަދު ހަމީދުގެ ލަނޑުން ނައިވާދޫއިން ނަތީޖާ ހަމަހަމަކުރިއިރު 12 ވަނަ މިނެޓުގައި ޝާފިއު ވަނީ ފުރަތަމަ ފަހަރަށް ނައިވާދޫއަށް މެޗުގައި ލީޑުނަގާދީފައެވެ.
އޭގެ ދެ މިނެޓުފަހުން ޔާމިން މުހައްމަދު އިތުރު ލަނޑެއް ޖަހައިދީ ނައިވާދޫއަށް ލީޑު ފުޅާކޮށްދިންއިރު، 19 ވަނަ މިނެޓުގައި އަޙްމަދު ހަމީދު ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ނައިވާދޫއިން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔައެވެ.
މި ހާފުގައި ދެއްވަދޫގެ ލަނޑުތައް ޖަހައިދިނީ އިމްރާނާއި ރާހިލް އެވެ.
ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތުމުން ޕަވާ ޕްލޭގައި މުޅި ޓީމު ކުރިއަށް އަރައިގެން ދެއްވަދޫއިން ކުޅެމުންދިޔައިރު މި ހާފުގައި ނައިވާދޫއިން ފަސް ލަނޑު ޖަހާފައިވެއެވެ.
މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ހުސެއިން މައިޝާން އާއި ޝާފިއުގެ އިތުރުން އަބްދުﷲ ވިސާމެވެ. މި ހާފުގައި މައިޝާން އަދި ޝާފިއު ދެ ލަނޑު ޖެހިއިރު، މުޅި މެޗުގައި ޖެހި ތިން ލަނޑާއެކު ޝާފިއު ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނައިވާދޫއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިއީ ފުރަތަމަ ފަހަރެވެ. އަދި ދެއްވަދޫއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ.