ޚަބަރު

ރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ


  • ދޯނީގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި

  • ދޯނި މިހާރު ވަނީ އަޑިއަށްގޮސްފައި

  • 15 މީހުން ދޯނިން ދަތުރުކުރި

15 މީހުންނާއެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި މަސްދޯނީގެ ބައެއް ބައިތައް އޮޔާދާތީވެ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުއެވެ. "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށްކަމަށެވެ.

މި ޙާދިސާގައި ދޯނީގައި ދަތުރުކުރި 15 މީހުންގެ ތެރެއިން 5 މީހަކަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.