ޚަބަރު

ރީ-ރަޖިސްޓްރީ ކުރުން ހޯމަ ދުވަހާ ހަމައަށް، ފަރުދީ ޒިންމާ އަދާކުރައްވާ!


  • ރީ-ރަޖިސްޓްރީ ކުރެވޭނީ ހޯމަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް

  • މި އިންތިޚާބުގައި 294,937 ވޯޓުލުމުގެ ޙައްގު ލިބޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ވޯޓުލާތަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ބޭނުން ހިފައި ވޯޓުލުމުގެ ޙައްގު އަދާކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ.

އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 10ވަނަ ދުވަހުއެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 15:00އާ ހަމަށް ހަމަވާއިރު މިއީ ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް، މި ފުރުސަތު ހުޅުވާލަނީ ބައެއް ފަރާތްތަކުން އިންތިޚާބު އޮންނަ ދުވަހު ހުންނަ ތަން ބަދަލުވެދާނެތީ އެ ފަރާތްތަކަށް ޤާނޫނުއަސާސީން ދީފައިވާ ޙައްގު އަދާކުރުމުގެ ފުރުސަތު ދިނުމަށެވެ.

އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތަކަށް ވޯޓުލާ މަރުކަޒާއި ވޯޓު ފޮށީގެ މައުލޫމާތު މިހާރު ފަސޭހައިން ބަލައިލެވޭނެއެވެ. އެގޮތުން، VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު 1414އަށް އާދައިގެ މެސެޖެއް ކޮށްލުމުން އެމީހަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މަރުކަޒުގެ މައުލޫމާތު އެނގޭނެއެވެ. އަދި ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް މި މައުލޫމާތު ބަލާލެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އަމަލުކުރަމުން އައީ ކޮންމެ އިންތިޚާބެއްގައިވެސް އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައި ރަޖިސްޓްރީ އޮންނަ ގޮތަށެވެ. އެހެންވެ ގިނަ ބަޔަކު ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޮމިޝަނުގެ ޚިދުމަތްތައް ލުއިފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރު ކޮންމެ މީހަކުވެސް ރަޖިސްޓްރީކޮށްފައިވަނީ އެ މީހަކު އެންމެ ފަހުން ބޭއްވި އިންތިޚާބެއްގައި ވޯޓުލި މަރުކަޒަކަށެވެ. އެހެންވެ، ކައުންސިލް އިންތިޚާބުގައި ކޮންމެ މީހަކުވެސް ރަޖިސްޓްރީވެފައި އޮންނާނީ އެ މީހަކު މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލި މަރުކަޒުތަކުގައެވެ.

މިގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން އައި ނަމަވެސް މަޖިލިސް އިންތިޚާބުގައި ޖަލުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކާއި ރިސޯޓުތަކާއި ބޭރު ޤައުމުތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮތް ރަށަކަށް ބަދަލުވާނެއެވެ. އެހެކަމުން އެ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން މިއަހަރު އަލަށް ވޯޓުލާ ފަރާތްތަކުގެ ރަޖިސްޓްރީވެސް އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައެވެ.

ވޯޓުލާ މަރުކަޒު ޔަގީންކުރުމަށްފަހު އޭޕްރިލް 4ގައި އެ މީހަކު ހުންނަނީ އެ މަރުކަޒު ހުންނަ ތަނެއްގައި ނޫންނަމަ ރީ-ރަޖިސްޓްރީ ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެެގެން، ކޮންމެ ވަގުތަކުވެސް ރީ-ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަދާފައެވެ. އެގޮތުން، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ރީ-ރަޖިސްޓްރީ ކުރެވޭނެއެވެ.

މިއީ 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކުވެސް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އަމިއްލަ އަޑު އިއްވުމަށް ލިބޭ ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުންކޮށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްގު އަދާކުރުމަކީ ތިމާގެ އަމިއްލަ ފަރުދީ ޒިންމާއަކަށް ހެދުމަކީ މުހިންމު ކަމެކެވެ.

6 ސިޔާސީ ޕާޓީއަކުން ވާދަކުރާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.