13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ހައިޖަމްޕްގެ ސީނިއާ ކެޓަގަރީގެ އޯޕަން އިވެންޓުން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނާއިލް ވަޖީހު އެއްވަނަ ހޯދައިފިއެވެ.
ފެބުރުވަރީ 12-14 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިޔަށްދާ މި މުބާރާތުގެ ހައިޖަމްޕް އިވެންޓްގެ ސީނިއާ ކެޓަގަރީގެ ފައިނަލްގައި ވާދަކުރީ 3 އެތުލީޓުންނެވެ.
މި އިވެންޓުން ނާއިކް އެއްވަނަ ހޯދީ 1.80 މީޓަރު އުހަށް ފުންމައިގެންނެވެ. ނާއިކަކީ ރާއްޖޭގެ ހައިޖަމްޕްގެ ޤައުމީ ރިކޯޑްވެސް އޮންނަ އެތުލީޓެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ ޖެނުއަރީ 2026 ގައި ދުބާއީގައި އޮތް 'ޖަމްޕް ފެސްޓް ކޮމްޕެޓިޝަން' ގައި 1.92 މީޓަރު އުހަށް ފުންމައިގެންނެވެ.
މި އިވެންޓުން ދެވަނަ ހޯދީ ދަ ބްލެކް މާލިންގެ އަރްޖުން ޕަޑިންޖާރެއެވެ. އޭނާވަނީ 1.65 މީޓަރު އުހަށް ފުންމައިގެން 7 ޕޮއިންޓް ހޯދާފައެވެ. ތިންވަނަ ހޯދީ އީސާ ޖާހިޒް އަޖްހަދުވެސް ވަނީ 1.65 މީޓަރު އުހަށް ފުންމައިގެން 7 ޕޮއިންޓް ހޯދާފައެވެ.
ހައިޖަމްޕްގެ ސީނިއާ ކެޓަގަރީގެ އަންހެން އިވެންޓުން އެއްވަނަ ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ އައިޝަތު ޝައިމް އަޒީޒެވެ. ޝައިމް މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ 1.35 މީޓަރު އުހަށް ފުންމައިގެންނެވެ.
ދެވަނަ ހޯދީ އަމަތުﷲހި ބިންތް ޔާމިންއެވެ. އޭނާ ދެވަނަ ހޯދީ 1.20 މީޓަރު އުހަށް ފުންމައިގެންނެވެ. މި އިވެންޓުގެ ފައިނަލްގައި ވާދަކުރީ މި ދެ އެތުލީޓުން އެކަންޏެވެ.
16 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ހައިޖަމްޕްގެ އެއްވަނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނީރާ އިބްރާހިމް ނާފިއުއެވެ.
މި މުބާރާތުގައި ހައިޖަމްްޕް އިވެންޓުގެ 16 އަހަރުން ދަށުގެ އަންހެން ފައިނަލްގައި 5 އެތުލީޓުން ވާދަކުރިއެވެ. ނީރާ މި އިވެންޓުން އެއްވަނަ ހޯދީ 1.26 މީޓަރު އުހަށް ފުންމައި 10 ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނަ ހޯދީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނަފްލޫ އަލީ ނަޝީދެވެ. އޭނާ ވަނީ 1.26 މީޓަރު އުހަށް ފުންމައިގެން 8 ޕޮއިންޓް ހޯދާފައެވެ.
ތިން ވަނަ ހޯދީ، ދަ ބްލެކް މާލިންގެ އާލާ އަމްޖަދެވެ. އޭނާވެސް ފުންމާފައިވަނީ 1.26 މީޓަރަށެވެ. އެހެންނަމަވެސް އޭނާއަށް ހޯދުނީ 6 ޕޮއިންޓެވެ.
16 އަހަރުން ދަށުގެ ފިރިހެނުންގެ ހައިޖަމް އިވެންޓުގެ ފައިނަލް އޮންނާނީ މާދަމާ ހެނދުނެވެ.