ޚަބަރު

ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުގެ %98 އޮޕަރޭޝަނުގައި


  • ފަތުރުވެރިކަމުގެ ފެސިލިޓީގެ ގޮތުގައި 68,095 އެނދު ވަނީ ރަޖިސްޓްރީކޮށްފައި

  • މީގެ ތެރެއިން 67,009 އެނދު މިހާރު ވަނީ އޮޮޕަރޭޝަނަށް ގެނެސްފައި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރަޖިސްޓްރީކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން 98.4 އިންސައްތަ ފެސިލިޓީ މިހާރު އޮޕަރޭޝަނަށް ނެރެފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރު ދައްކުވައިދޭ މުހިންމު ނިޝާނެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިވަގުތު 68,095 އެނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރެއިން 67,009 އެނދު މިހާރުވެސް ދަނީ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ބޭނުންކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުންދާ ފެސިލިޓީތަކުގެ ތެރޭގައި 179 ރިސޯޓަކާއި، 911 ގެސްޓްހައުސްގެ އިތުރުން 169 ސަފާރީ އުޅަނދާއި 16 ހޮޓާ ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ގިނަ އެނދު ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުގައި 44,807 އެނދު ހުރިއިރު، ގެސްޓްހައުސްތަކުގައި 16,171 އެނދު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދުފަހަރު ނުވަތަ ސަފާރީތަކުގައި 3,433 އެނދު ހުރިއިރު، ހޮޓާތަކުގައި ހުރީ 2,598 އެނދެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފެސިލިޓީތައް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 312,343 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 295,762 ފަތުރުވެރިންނާ އަޅާ ބަލާއިރު 5.6 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރާތްކުރީ 2.2 މިލިޔަން ފަތުރުވެރިންނެވެ.