ޚަބަރު

ބަންގްލަދޭޝްގެ އިންތިޚާބު ކާމިޔާބު ކުރީ ޠާރިޤު ރަޙްމާންގެ ބީއެންޕީން


ބަންގްލަދޭޝްގައި ދާދިފަހުން ބޭއްވި ޢާންމު އިންތިޚާބުގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ތަނަވަސް އަޣުލަބިއްޔަތެއް ހޯދައި، ގާތްގަނޑަކަށް 20 އަހަރަށްފަހު އަލުން ވެރިކަމަށް އައުމަށް ތައްޔާރުވެއްޖެއެވެ. މި ކާމިޔާބީއާ އެކު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ވެރިޔާ ޠާރިޤު ރަޙްމާނެވެ.

ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އިދިކޮޅު ޖަމާޢަތު-އިސްލާމީން ވަނީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ 70 ގޮނޑި ހޯދާފައެވެ. 2013 ވަނަ އަހަރު މަނާކުރެވުނު ޖަމާޢަތު-އިސްލާމީއަށް މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ.

މި އިންތިޚާބަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު އެންމެ ވާދަވެރި އިންތިޚާބު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ބޮޑެތި ޕާޓީތަކުން ބައިވެރިނުވުމާއި ނުވަތަ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ 60 އިންސައްތައަށް އުފުލިފައެވެ.

އައު ސަރުކާރާ ޙަވާލުވެ ވަޑައިގަންނަވާ ރަޙްމާނަށް އިޤުތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ބޮޑު ގޮންޖެހުމަކީ، 2024 ވަނަ އަހަރު ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދު އަލުން ކޮޅަށްޖެހުމެވެ. ޚާއްޞަކޮށް، ބަންގްލަދޭޝްގެ އިޤްތިޞާދުގެ މައި ތަނބު ކަމުގައިވާ ފޭރާން އުފެއްދުމުގެ ސިނާޢަތް ކުރިއެރުވުމާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އޮތް ހުރަސްތައް ހިމެނެއެވެ.

އިޤްތިޞާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ބީއެންޕީއަށް ލިބުނު ބޮޑު އަޣުލަބިއްޔަތުގެ ސަބަބުން ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ފަސޭހަވެ، ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. ބީއެންޕީގެ މެނިފެސްޓޯގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށާއި، ކުދި އާމްދަނީ ލިބޭ ފަރާތްތައް ޙިމާޔަތްކުރުމަށް ވަނީ ވަޢުދުވެފައެވެ.

ބަންގްލަދޭޝްގެ ޢާންމު އިންތިޚާބާ އެކު ކުރިއަށްދިޔަ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވަނީ އިޞްލާޙުތަކަށް ތާއީދުކޮށްފައެވެ. މި އިޞްލާޙުތަކުގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ މަޤާމު ގިނަވެގެން އަދާކުރެވޭނީ ދެ ދައުރަށް ކަމަށް ކަނޑައެޅުމާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން އިތުރުކުރުން އަދި އިންތިޚާބުތަކާ ދިމާކޮށް ވަކި ފަރާތަކަށް ނުޖެހޭ އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުން ހިމެނެއެވެ.