ޚަބަރު

2 އަހަރު ތެރޭ ޞިއްޙީ ދާއިރާއަށް ދުނިޔޭގެ ތައުރީފް، ބޮޑެތި ބަދަލުތަކެއް


  • 76 ރަށުގައި ލެބޯރެޓަރީ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ނިންމަން އަންނަނީ މަސައްކަތްކުރަމުން

  • ޞިއްޙީ ދާއިރާގައި މިހާރުވެސް 168 މަޝްރޫޢެއް އަންނަނީ ހިންގަމުން

  • އަލަށް 9 ރަށެއްގައި ޑައިލިސިސް ޚިދުމަތް ވަނީ ފަށާފައި

މި ވޭތުވެދިޔަ 2 އަހަރު ޞިއްޙީ ދާއިރާއިން ވަނީ މީގެ ކުރިން ނެތް އެތައް ޚިދުމަތްތަކެއް ތަޢާރަފްކޮށް އުމްރާނީ ތަރައްގީއަށްވެސް މުހިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ. މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އެތައް މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ ސަރުކާރުގެ މައި ހޮސްޕިޓަލާއި މާލެ ސަރަޙައްދުގައި ހުރި ސަރުކާރުގެ އަނެއް 2 ހޮސްޕިޓަލްގެ ތަރައްޤީއަށްވެސް މުހިއްމު މަސައްކަތްތަކެއް ވަނީ ފަށްޓަވާފައެވެ.

ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރުތެރޭގައި ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިން ލިބެން ނެތް އެތައް ޚިދުމަތްތަކެއް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ރޭޑިއޮލޮޖީ ޚިދުމަތާއި އެމްއާރްއައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ހެދުން ފަދަ ޚިދުމަތްތައް ވަނީ އަތޮޅުތެރެއަށް ފުޅާކޮށްފައެވެ. ހަމަ މިއާއެކު ކޮންމެ ރަށަކުންވެސް އެންމެ އާދައިގެ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ލެބޯރެޓަރީތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 76 ރަށުގައި ލެބޯރެޓަރީ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިއާއެކު ޞިއްޙީ ދާއިރާގައި މިހާރުވެސް 168 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތެވެ. މި ހޮސްޕިޓަލް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ. އުމްރާނީ ތަރައްޤީގެ އިތުރުން ރާއްޖެއިން ހުސްނުވެ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަނެއް އުފައްދާ އެންމެ އާންމު ބޭސްތަކާއި ކޮލިޓީ ބޭސް ގެނައުމަށްވަނީ ނިންމާފައެވެ. މީގެ އަނެއް ބޭނުމަކީ އަތޮޅުތެރޭގެ ފާމަސީތަކަށް ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމެވެ.

ރާއްޖޭގައިވެސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނައިރު މީގެ ތެރެއިން އެއްބަައްޔަކީ ކިޑްނީ ބައްޔެވެ. އަތޮޅު ތެރޭގައިވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަން ޖެހިފައި ތިބި ގިނަބަޔަކު އެބަތިއްބެވެ. މި ބައްޔަށް ބޭނުންވާ ފަރުވާގެ ތެރެއިން އެއް ފަރުވާއަކީ ޑައިލިސިސް ހެދުމުވެ. މިއީ ވަގުތު ހޭދަވާކަމަކަށްވުރެ ބޮޑަށް ބަލި މީހާވެސް ވަރުބަލިކޮށްލާ ކަމަކަށްވާއިރު ކޮންމެ ފަހަރަކު މާލެއައިސް އެކަން ކުރުމަކީ ޚަރަދުގެ ގޮތުންވެސް ބޮޑުކަމެކެވެ. އެހެންކަމުން ސަރުކާރުން ފެއްޓެވީ އަތޮޅު ތެރޭގައި ޑައިލިސިސް ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތެވެ. އެ އަތޮޅެއްގެ ބަލި ޖެހިފައި ތިބި މީހުންގެ އާބާދީގެ ނިސްބަތަށް ބެލުމަށްފަހު ޑައިލިސިސް ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މަދުވެގެން 1 ސެންޓަރު ތަރައްޤީ ކުރުން ހިމެނެއެވެ. އެގޮތުން މިހާތަނަށް މުޅިން އަލަށް 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގެ ޞިއްޙީ ޚިދުމަތަށް ގެންނަމުންދާ އިންގިލާބީ ބަދަލުތަކަށް ބަލާއިރު މި ވޭތުވެދިޔަ އަހަރު ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައެވެ. އަހަރުތަކެއް ވަންދެން އެ ހޮސްޕިޓަލުގައި އޮތް ޖާގައިގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ދަށުން 75 އެނދުގެ މަލްޓި ސްޕަޝަލިސްޓް ވޯޑެއް ވަނީ ހުޅުވާފައެވެ. މިއާއެކު ލޮލުގެ އޮޕަރޭޝަންތަކާއި ނާރުގެ އޮޕަރޭޝަންތަކުގެ އިތުރުން ބެރިއަޓްރިކް ސާޖަރީއާއި އަންހެނުންގެ އެކި ބަލިތަކުގެ ސާޖަރީތައް ހެދުމުގެ ފުރުޞަތުތައް އިތުރުވެގެން ދިޔައެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ ފްލޯތައް ބޭނުންކުރާ ފަށާ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ވަނީ ދޭން ފަށާފައެވެ. އެއާއެކު ނޭޝަނަލް ފަރޓިލިޓީ ސެންޓަރު ހުޅުވާ ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ދިނުމުގެ އިތުރުން އާސަންދައިގެ ދަށުން އައިވީއެފް ހެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ތެލަސީމިއާ ކުދިންނަށް ދޭ އަހައްމިޔަތުގެ ތެރެއިން ބޯން މެރޯ ހެދުމުގެ ފުރުޞަތު 24 ކުއްޖަކަށްދީފައިވެއެވެ. އަދި އެކުދިންނަށް ޚާއްސަ އެލަވަންސެއް ތަޢާރަފްކޮށް އެކުދިންނަށް ޚާއްސަކޮށްގެން ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުކޮށް ޚިދުމަތް ދެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމްކޮށް ވަނީ ޚިދުމަތް ދޭންފަށާފައެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމާއި ޑައިލިސިސް ޔުނިޓަށް އެނދުވަނީ އިތުރުކޮށްފައެވެ. މި ދެ ހޮސްޕިޓަލުގެ އިތުރުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރު ހުޅުވައި ޚިދުމަތް ދެމުން އަންނައިރު ކުޅުދުއްފުށީ ސިޓީގައިވެސް އައިނު ފިހާރައެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.

ޞިއްޙީ ކުއްލި ފަރުވާ ދިނުމަށްޓަކައި އަޖީއެމްއެޗްގެ ޚިދުމަތް ހަރުދަނާކޮށްފައިވާއިރު ސަރުކަރުން ވަނީ އެއާއެމްބިއުލާންސްގެ ޚިދުމަތްވެސް މި ވޭތުވެދިޔަ 2 އހަރަުދުވަހުގެ ތެރޭ ދޭންފަށާފައެވެ. އެއާއެކު 1500 އަށްވުރެ ގިނަ ދަތުރުތަކުގައި 1900އަށް ވުރެ ގިނަ ބަލިމީހުން އެއަ އެމްބިއުލާންސްގައި އުފުލާފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ޖީޕީ ކްލނިކްތަކެއްވެސް ހުޅުވާ ޚިދުމަތް ދިނުމުގެ
މަސައްކަތް ވަނީ ފަށާފައެވެ.


ދުންފަތާ ދެކޮޅު ޖީލެއް އުފެއްދުމަށްޓަކައި ޖެނެރޭޝަނަލް ބޭންއެއް ތަޢާރަފްކޮށް އެއަށް އަންނަނީ ޢަމަލުކުރަމުންނެވެ. އަދި ވޭޕާއި އީ ސިނގިރޭޓް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުގެ ޝިކާއަރަކަށްވެފައި ތިބި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓޮބޭކޯ ސެޒޭޝަން ކްލިނިކްތައް ޤާއިމްކޮށް ފަރުވާ ދިނުމަށްޓަކައި 433 މީހަކު ވަނީ ތަމްރީންކޮށްފައެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމާ ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމްވެސް ވަނީހަމަޖައްސާފައެވެ.

މި 2 އަހަރު ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކުރި މުހިއްމު މަސައްކަތުން 24 ގަޑިއިރު ޚިދުމަތް ދޭނެ ހެލްޕްލައިނެއް ތަޢާރަފްކޮށް 8000އަށް ވުރެ ގިނަ މީހުންގެ ކޯލްތަކަށް ޚިދުމަތްދީފައިވެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ނަފްސާނީ އެހީތެރިކަމުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށްފައިވާއިރު އަތޮޅުތެރޭގައިވެސް ދެމުން އަންނަ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

ޞިއްޙީ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު ރާއްޖެއަކީ މާބަނޑު އަންހެނުންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން އެއްފަހަރާ ނައްތާލި ފުރަތަމަ ޤައުމުކަން ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ދާދިފަހުން ޑަބްލިއުއެޗްއޯގެ ޚާއްޞަ އެވޯޑެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.

މިދާއިރާއަށް އައު ޚިދުމަތްތަކާއި އައު ވަޞީލަތްތައް އިތުރުކުރަމުން އަންނައިރު ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ބަލި މީހުންނަށް ފަރުވާ ދިނުމަށާއި މުޅި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދުވެސް އިތުރުވެއެވެ. އެގޮތުން މި ދެ އަހަރު ތެރޭގައި ޞިއްޙީ ދާއިރަށް 1700އަށް ވުރެ ގިނަ ވަޒީފާ މުޅިން އަލަށް އުފައްދާ، ވަޒީފާ ދީފައިވެއެވެ. ސިއްޙީ ދާއިރާގެ މުސްތަޤުބަލަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ބަލި މީހުންގެ ރެކޯޑްތައް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. " މޯލްޑިވްސް 2.0" ގެ ދަށުން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް މިފަދަ ރެކޯޑްތައް ބަލަހައްޓާނެއެވެ. ހަމަ މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޞިއްޙީ ދާއިރާއިން ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި 50 މިލިޔަން ރުފިޔާގެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މިއަހަރަކީ ޞިއްޙީ ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނެސް އިތުރު ކުރިއެރުންތަކެއް ހޯދުމަށް އަމާޒު ހިފާފައިވާ އަހަރެކެވެ.