ޚަބަރު

އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ޔަހޫދީން ނުފޫޒުފޯރުވަނީ


އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު ކުރަމުންދާ މަޝްވަރާތައް ގަޑުބަޑުކޮށް، ހަނގުރާމައިގެ ޙާލަތެއް އުފައްދައި، މުޅި ސަރަޙައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓައިލަން ޔަހޫދީން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފިއެވެ.

އީރާނާއި އެމެރިކާ އާދެމެދު އަލުން މަޝްވަރާތައް ފަށައި، ވަރަށް ނާޒުކު ފައްތަރެއްގައި މިހާރު އޮތްއިރު، ޙަޤީޤަތަކާ ޚިލާފު އެތައް ކަމަކުން، މަޝްވަރާތައް ގަޑުބަޑުކޮށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ހުރަސްއަޅަމުންދާކަމަށް އީރާނުގެ ޤައުމީ ސަލާމަތާބެހޭ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލަރީޖާނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އީރާނާއި އެމެރިކާގެ މަޝްވަރާތަކުގެ ތެރެއަށް ޔަހޫދީން ވަދެގަނެ، ފިތުނަ އުފައްދައިގެން މަޝްވަރާތައް ގަޑުބަޑުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔަހޫދީންގެ ޢަމާޒަކީ، މުޅި މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުން ކަމަށާއި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންތަކަކަށް ޢަމާޒުކޮށް ޤަތަރަށް ދިން ޙަމަލާއިން ވެސް އެކަން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ޔަހޫދީންގެ މި ހީލަތްތެރި ރޭވުމަށް ސަމާލުވުމަށް ސަޢުދީ ޢަރަބިއްޔާ، ތުރުކީވިލާތް އަދި ޤަތަރުގެ ވެރިންނަށް އޭނާ ގޮވާލެއްވިއެވެ.

މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ޔަހޫދީން ކުއްލި ގޮތަކަށް އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވަނީ ވެސް، އީރާނާއި އެމެރިކާއިން މަޝްވަރާތައް ކުރަމުންދަނިކޮށެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އަލުން މަޝްވަރާތައް ފަށައިގެން ކުރިއަށްދާއިރު، ހުސްވި ހަފުތާގައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބާއްވާފައި ވަނީ އޮމާނުގައެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ އިތުރުން އެ ޕުރޮގުރާމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެނައުމަކީ އެ މަޝްވަރާތަކުގެ މައިގަނޑު އަމާޒެކެވެ.

އެ މަޝްވަރާތަކުގެ ދެވަނަ ބުރެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުއްލި ގޮތަކަށް އެމެރިކާއަށް ގޮސް، ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކޮށްފައެވެ.

އެ މަޝްވަރާތަކުގައި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި، ނަމަވެސް އީރާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާއިން ބޭނުންވާކަން ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ.

އީރާނަށް ބިރު ދައްކައި، މަޝްވަރާ ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން ވަނީ ބިޔަ އަސްކަރީ ލަޝްކަރެއް އީރާން ކައިރިއަށް ޖަމާކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނެއެވެ. އޮމާންގައި ކުރިއަށްދާ ނުރަސްމީ ވާހަކަތަކުގެ ތެރެއިން އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއިން ދަނީ އެ ޤައުމަށް ބާރު އަޅަމުންނެވެ. ނަމަވެސް، އީރާނުން ތަކުރާރުކޮށް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.