ޚަބަރު

3ވަނަ ކޯޗު ބޭރުކޮށް ނޮޓިންހަމް އިން މި ސީޒަނުގައި 4ވަނަ ކޯޗެއް ހޯދަނީ


  • މިއީ މި ސީޒަނުގައި ނޮޓިންހަމް އިން ވަކިކުރި ތިންވަނަ ކޯޗު

  • ޝޯން ޑައިޗް މަގާމުން ވަކިކުރީ 114 ދުވަސް ތެރޭގައި

  • އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ނޮޓިންހަމް ފޮރެސްޓުން މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަނުގެ ތެރޭގައި އެ ޓީމުގެ ތިންވަނަ ކޯޗު ވެސް މަގާމުން ވަކިކޮށް، ހަތަރުވަނަ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ނޮޓިންހަމް ފޮރެސްޓުން މި ސީޒަން ފެށީ ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންނެވެ. އެހެންނަމަވެސް ލީގުގައި ތިން މެޗު ކުޅުމަށްފަހު އެ ޓީމުން ވަނީ އޭނާ ކޯޗުކަމުން ވަކިކޮށްފައެވެ. އެފަހުން އެ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ އެންޖޭ ޕޮސްޓެކޮގްލޫ އެވެ.

އޭނާއަށް ވެސް އެ މަގާމުގައި މާ ގިނަ ދުވަހު ދެމިނުހުރެވުނެވެ. މަގާމާ ހަވާލުވިތާ 39 ދުވަސް ފަހުން ނޮޓިންހަމް އިން ވަނީ އޭނާވެސް މަގާމުން ވަކިކޮށްފައެވެ.

ދެން އެ ޓީމަށް އިރުޝާދުދިނުމުގެ ޒިންމާ ހަވާލުކުރީ މިއަދާ ޖެހެންދެން އެ މަގާމުގައި ހުރި ޝޯން ޑައިޗެވެ. އެހެންނަމަވެސް ލީގުގައި އެ ޓީމަށް މާ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާތީ، މަގާމާ ހަވާލުވިތާ 114 ދުވަސް ފަހުން އޭނާއަށް ވެސް މިވަނީ މަގާމު ގެއްލިފައެވެ.

އުމުރުން 54 އަހަރުގެ ޑައިޗް ނޮޓިންހަމްއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހެދި އެއްބަސްވުމުގެ ދަށުން، އޭނާ 2027 ގެ ނިޔަލަށް އެ ޓީމުގައި މަޑުކުރާނެއެވެ. އެހެންނަމަވެސް ކޮންޓްރެކްޓުގައި އަހަރަކަށްވުރެ ގިނަ ދުވަސް އޮއްވައި މިވަނީ ޑައިޗަށް ވެސް މަގާމު ގެއްލިފައެވެ.

ލީގު ތާވަލުގައި ނޮޓިންހަމް އޮތީ ރެލިގޭޝަން ޒޯނާ އެންމެ ތިން ޕޮއިންޓު ދުރުގައެވެ. ތާވަލުގެ 17 ވަނައިގައި އޮތް ނޮޓިންހަމް އަށް 26 މެޗުން 27 ޕޮއިންޓު ލިބިފައިވާއިރު ރެލިގޭޝަން ޒޯނުގައި، ތާވަލުގެ 18 ވަނައިގައި އޮތް ވެސްޓްހަމް އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.