ޚަބަރު

އެފްއާރުސީ ތަކުގެ ސަބަބުން އިޖްތިމާއީ އަދި ނަފްސާނީ ގިނަ ފައިދާތަކެއް ލިބޭ: ވަޒީރު ރާފިއު


  • ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ

  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެފްއާރުސީ އެއް އެޅުމަކީ ރައީސްގެ ވައުދުފުޅެއް

މި ސަރުކާރުން ޤާއިމްކޮށްފައިވާ އަދި ޤާއިމްކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ތަކުގެ ސަބަބުން ލިބެނީ ހަމައެކަނި ޖިސްމާނީ ފައިދާތައް އެކަނި ނޫން ކަމަށާއި، ނަފްސާނީ ގޮތުން ލިބޭ ފައިދާތައް އަދި ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުން ބަދަހިވެ، ލިބޭ އިޖުތިމާޢީ ފައިދާތައް ވެސް ގިނަކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، އެފްއާރުސީ ތަކުގެ ސަބަބުން ލިބޭ ފައިދާތައް ހިއްސާކުރައްވާފައެވެ.

އެގޮތުން، ޤައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށްފަހު އެތުލީޓުން ފިޓްނަސް އަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ދެން އަންނަ މުބާރާތަކާ ޖެހޭއިރު އަލުން ފިޓްނަސް ރަނގަޅުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެހެންނަމަވެސް އެފްއާރުސީތައް ހުރުމުގެ ސަބަބުން އެތުލީޓުންނަށް، ފަސޭހަކަމާއެކު ފިޓްނަސް ރަނގަޅުކުރަން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މި ސެންޓަރުތަކުން އަދާކުރާ ދައުރު ބޮޑުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އާންމު ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން ބޮޑުވާ ހާލަތުގައި ވެސް، އެ ކަންކަމުން ދުރުވެ މީހާ ހަމަޖެހިލުމަށް، މިފަދަ ސެންޓަރުތަކުން އަދާކުރާނެ ދައުރު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެ، އެކަކު އަނެކަކާ ގުޅިގެން، އެކުއެކީގައި މަސައްކަތްކޮށް، ބަދަހި މުޖުތަމައުއެއް ބިނާކުރުމުގައި ވެސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުން އަދާކުރާ ދައުރު ނުހަނު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ވެސް މި ސެންޓަރުތަކުން ބޮޑު އެހީތެރިކަމެއް ވެދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، މިފަދަ ބަލިތަކުން ސަލާމަތްވުމުގައި ކުޅިވަރުން އަދާކުރާ ދައުރު ބޮޑުކުރުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމްކުރުމަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން މިހާރު ވެސް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ މަސައްކަތެކެވެ.