ޚަބަރު

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް


  • އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވޭ

  • ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދު

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަޤުރީރެއްދެއްވާފައެވެ.

ޑީޖީއޭޕީ އިން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، އެ ކައުންސިލްގެ ނައިބު ރައީސް، ރޮލްފް ނިކެލް އާއި، ޑިރެކްޓަރ ތޯމަސް ކްލައިން-ބްރޮކްހޯފް އާއި، އެ ކައުންސިލްގެ ސެންޓަރ ފޯ ކްލައިމެޓް އެންޑް ފޮރިން ޕޮލިސީގެ ހެޑް އަދި ޑެޕިއުޓީ ރިސަރޗް ޑިރެކްޓަރ ޑޮކްޓަރ ކިރާ ފިންކަރއެވެ.

ޑީޖީއޭޕީގައި ތަގުރީރު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމުނަމަވެސް، އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި، އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވާކަމަށެވެ. އަދި، ތާރީޚީ ގޮތުންނާއި އިޤްތިޞާދީ، ޘަޤާފީ އަދި ދިފާޢީ ގޮތުންވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮށްފާނޭ ބޮޑެތި އަސަރުތަކުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އޮންނަނީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައިކަމަށްވާތީ އޭގެ ސަބަބުން، ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާކަމަށެވެ. އަދި، ބައިނަލްއަޤުވާމީ ބައިވެރިވުމާއި، އިތުބާރާއި، ހިއްސާކުރާ މިންގަނޑުތަކެއްގެ އެހީގައި، ދުނިޔޭގައި މަޢުލޫމާތު ދައުރުކުރާ އެންމެ ބޮޑު ވިއުގަ ކަމުގައިވާ، ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޝާމިލު ގޮތެއްގައި ގިނަ ޤައުމަތުން އެކުގައި މަސައްކަތްކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތައް ބައްޓަންކުރާ ފަރާތްތަކުގެ ގޮތުގައި ކުދި ދައުލަތްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަސާސީ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުންދިނުމަށާއި، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤުބަލާއި، ބައިނަލްއަޤުވާމީ ހަމަޖެހުން ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޤުރީރަށް ފަހު، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަނޑުތަކުގެ ސަލާމަތްކަން ކަށަވަރުކޮށް ވިލުންތެރިކަން އިތުރުކުރުމުގައި ރާއްޖެއިން ގެންގުޅޭ އުސޫލު ބިނާކޮށްފައިވަނީ، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ބަދަހި ގުޅުންތަކާއި، ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިޙުތިރާމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަތީގައިކަމަށް ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި މޫސުމީ ހަރަކާތްތެރިކަން ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ އިލްތިޒާމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތުގެ 60 އަހަރުވީ ޚާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އިސްނެގުންތައް ހިމެނޭހެން، އެއް ޤައުމަށް އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.